ހުނަރުވެރި ޒާނާއަށް ބޭނުންވަނީ އެހީތެރިކަމާއި ކުރިޔަށް ދެވޭނެ މަގެއް!

އުމުރުް 12 އަހަރުގެ ޒާނާ އަލިމަނިކަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. ޒާނާ އާއި ފުރަތަމަ ބައްދަލުވާ މީހުންނަށް ޒާނާއަށް ބަލާލުމުން އޭނާ އަކީ އޯޓިޒަމް ކުއްޖެއް ކަން ފާހަގަ ކުރަން ވަރަށް އުނގަދޫވާނެ އެވެ. އ...

26 Oct 2020 | 11:43

އުމުރުް 12 އަހަރުގެ ޒާނާ އަލިމަނިކަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ.

ޒާނާ އާއި ފުރަތަމަ ބައްދަލުވާ މީހުންނަށް ޒާނާއަށް ބަލާލުމުން އޭނާ އަކީ އޯޓިޒަމް ކުއްޖެއް ކަން ފާހަގަ ކުރަން ވަރަށް އުނގަދޫވާނެ އެވެ. އެކަމަކު ވާހަކަ ދެއްކުމުގައި ދިމާވާ އުނދަގޫތަކުގެ ސަބަބުން އާންމު ކުދިންނާއި އެއް ލެވެލް އެއްގައި ތައުލީމް ހާސިލް ކުރުމާއި އުޅުމަށް ޒާނާއަށް ދަތިވެ އެވެ.

ޒާނާ އަކީ އޯޓިޒަމް ކުއްޖަކަށް ވިޔަސް މިއީ ހުނަރުވެރި ކުއްޖެކެވެ. ލަވަކިޔުމާއި ކުރެހުމަކީ ޒާނާ އެންމެ ކުރާ ހިތްވާ ކަންކަމެވެ.

"ދުވަސް" އާއި މައުލޫމާތު ހިއްސާ ކުރަމުން ޒާނާގެ މަންމަ ހަދީޖާ ބުނީ ޒާނާގެ ކުރެހުމުގެ ހުނަރު އުމުރުން އެންމެ ތިން އަހަރުގައި ފެންނަން ފަށާފައިވާ ކަމަށެވެ. ކުރެހުމުގައި ޒާނާއަށް ކުރިޔަށް ދެވިދާނެކަން އޭނާގެ ކުރެހުންތަކާއި ކުރެހުމުގައި ގެންގުޅޭ އުކުޅުތަކުން އެނގޭ ކަމަށް އޭނާ ބުންޏެވެ.

ކާޓޫންތަކުން ފެންނަ ހުރިހާ ކެރެކްޓާތަކެއް ވަރަށް ރީތިކޮށް ކުރަހަން ދަންނަ ޒާނާ ކުރަހާއިރު ފޮހޭ ރަބަރު ބޭނުން ނުކުރާ ކަމަށް ހަދީޖާ ބުންޏެވެ. އަދި ކުރަހަންވީ ގޮތް މީހުން ކިޔައި ދިނުމަކީ ޒާނާ ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. އޭނާ ކުރަހާ ކުރެހުމެއް ނިމޭއިރު މީހަކު އެ ކުރެހުމަށް ފާޑު ކިޔަން ޖެހޭވަރު ކަމެއް ނުފެންނާނެ އެވެ.

ޒާނާ ވަނީ ވިލިމާލޭ މުހިއްދީން ސްކޫލްގައި ތައުލީމް ހާސިލް ކުރި އިރު 2016 އަހަރު އެ ސްކޫލްގައި ބޭއްވި ކުރެހުމުގެ މުބާރާތުން ސެންގެ ބައިން ގަދަ ފަހެއްގައި ހިމެނިފައި އެވެ. އޭގެ ފަހުން އާއިލާ އާއި އެކު ރަށަށް ދިރިއުޅުން ބަދަލު ކުރަން ޖެހުމުން މިފަދަ މުބާރާތެއްގައި ބައިވެރިވެފައެއް ނުވެ އެވެ.

ލަ ކިޔުމުގައިވެސް ޒާނާއަށް ދިމާވެފައި ވަނީ މި މައްސަލަ އެވެ. ޒާނާ ލަވިޔައި މަދަހަ ކިޔާލެއް ވަރަށް ރީއްޗެވެ. އެކަމަކު އޭނާއަށް ފުރިހަމައަށް ވާހަކަ ދައްކަން ނޭނގުމުން އަކުރުތައް ކިޔުމުގައި ދިމާވާ މައްސަލައަކީ ލަވަކިޔުމުގައި އެޅިފައިވާ ހުރަހެކެވެ.

މިވަގުތު މަންމަ އާއި އެކު ފ. ނިިލަންދޫގައި ދިރިއުޅޭ ޒާނާ ތައުލީމް ހާސިލް ކުރަމުން ދަނީ ފ. އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ. އެ ސްކޫލްގެ ސެން ކްލާހުގައި ޒާނާ ކިޔަވަމުންދާއިރު އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކުރެހުމުގެ މުބާރާތްތަކާއި ލަވަ އާއި މަދަހަ މުބާރާތްތައް އޮންނަނީ ބައެއް ސްކޫލްތަކުގައި އެވެ.

ޒާނާގެ މަންމަ ހަދީޖާ ބުނީ އާންމު ކުދިންނާއި އެއް ލެވެލްއެއްގައި ތައުލީމް ހާސިލް ކުރުމުގެ ގާބިލްކަން އޭނާއަށް ލިބިފައި ނެތްއިރު އެހެން ދާއިރާއަކުން ކުރިޔަށް ދިއުމަށް ހުރަސްތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ޒާނާގެ ކުރެހުމުގެ ހުނަރު މިހާރު ދައްކާލެވޭނެ ގޮތެއް ނެތެވެ. އަދި ލަވަކިޔުމުގެ ދާއިރާއިން ކުރިޔަށް ދެވޭނެ ގޮތެއްވެސް ނެތެވެ.

ޒާނާ ރަށުގައި ދިރިއުޅުނު ނަމަވެސް މިފަދަ ހުނަރުވެރި ކުއްޖަކަށް ކުރިޔަށް ދިއުމުގައި އެހީތެރިކަން ލިބޭނެ ގޮތެއް ވުމަކީ ޒާނާ މަންމަގެ އެންމެ ބޮޑު އެދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް