ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮންބައްޕަ 15 އަހަރަށް ޖަލަށްލުމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.15 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން އަމުރު ކޮށްފައިވަނީ ދ. ކުޑަހުވަދޫ ފައިވްސްޓާ އިބްރާހީމް ޝުޖާއުގެ މައްޗަށެވެ.
ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ޝުޖާއު ގެންދިޔައީ އޭނާގެ ދޮންދަރިއަށް ތަފާތު އެކިފަހަރު މަތިން ޖިންސީ ގޯނާ ކުރަމުންނެވެ. ޝުޖާއުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން ނިންމީ ޝުޖާއުގެ މައްޗަށް ކުއްޖަކަށް ޖިންސީ އަނިޔާ ކުރި ކަމުގެ ކުށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ޝުޖާއު އެކި ފަހަރު މަތިން އޭނާގެ ދޮން ދަރިއަށް ޖިންސީ ގޯނާކުރި ކަމަށް އެ ކުއްޖާގެ މަންމަ އާއި ޖެންޑާ މިނިސްޓްރީގެ މުވައްޒިފުން ކިޔައިދީފައި ވާއިރު، އެ ކުއްޖާއަށް ޖިންސީ އަނިޔާތަކެއް ލިބިފައިވާކަން މެޑިކަލް ލީގަލް ރިޕޯޓުން އެނގޭ ކަމަށް އެ ހުކުމުގައި ވެ އެވެ. އަދި އެ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދީފައިވާ ކިޔުންތަކުގައި ޝައްކެއް އުފެދޭ މިންވަރެއްގެ ފުށުން އެރުންތަކެއް ނެތްކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަށް މައިގަނޑު ގޮތެއްގައި ބިނާވަނީ އަނިޔާ ލިބޭ ކުއްޖާ ބުނާ ބުނުމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެ ކުއްޖާ ޝުޖާއުގެ ބެލުމުގެ ދަށުގައި ހުރެ އޭނާ ބެހޭގޮތުން ދޮގު ވާހަކައެއް ދައްކަފައިވާނެ ކަމަށް ބެލެވޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ ޝުޖާއުގެ މައްޗަށް ކުރެވޭ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ތިން ފަޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައި ވަނީ ބުނެފަ އެވެ.
އެ ހުރިހާ ކަމަކަށް ފަހު ބެލުމަށްފަހު އެކަންކަން ފާހަގަކޮށް ހުކުމުގައި އިތުރަށް ބުނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަން ޝުޖާއުގެ މައްޗަށް ސާބިތުވާ ކަމަށާއި އެހެންވެ އޭނާ 15 އަހަރަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.
މި މައްސަލަ ފޑިޔާރުންނަކީ، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް