ޖިނާއީ މައްސަލައެއް އައިރު ހާޒިރުގައި ނިންމީ ގޯސްކޮށް ކަމަށް ދައުލަތުން އެއްބަސްވެއްޖެ

ދައުވާ ލިބޭ މީހާ ހައި ކޯޓަށް ހާޒިރުވެފައި ނުވުމުން އައިރު ހާޒިރުގައި އެ ޖިނާއީ މައްސަލައިގެ ދައުވާ ލިބޭ މީހާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެއްބަ...

26 Oct 2020 | 10:05

ދައުވާ ލިބޭ މީހާ ހައި ކޯޓަށް ހާޒިރުވެފައި ނުވުމުން އައިރު ހާޒިރުގައި އެ ޖިނާއީ މައްސަލައިގެ ދައުވާ ލިބޭ މީހާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެއްބަސްވެއްޖެ އެވެ.

ގާނޫނާ ހިލާފަށް ނިންމި އެ މައްސަލައަކީ ޅ. ކުރެންދޫ މީހެއްގެ މައްޗަށް ބ. އޭދަފުށީ ކޯޓުގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ މައްސަލަ އެކެވެ.

ބ. އޭދަފުށީ ކޯޓުގައި ދައުވާކުރި އެ މައްސަލައިގައި މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމުމުން ދައުލަތުން2018 ވަނަ އަހަރު ވަނީ އެ މައްސަލަ ހައި ކޯޓުގެ އުތުރު ގޮފީގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފު ކުރި އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން އަމުރުކުރީ ދައުވާ ލިބޭ މީހާގެ އައިރު ހާޒިރުގަ އެވެ.

އައިޒު ހާޒިރުގައި މައްސަލަ ނިންމާފައިވާތީ ދައުވާ ލިބޭ މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިއަދު ބޭއްވި އަޑު އެހުމުގައި ދައުލަތުން ބުނީ، އެ މައްސަލަ އިތުރަށް ދިރާސާކޮށް ބެލި ބެލުމުން ދައުވާ ލިބޭ މީހާގެ އައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިޔުމަށް ހައި ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ކުރިން ދެކެފައިވަނީ ހައި ކޯޓުގެެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށްވިޔަސް މިހާރު އެގޮތަށް ނުދެކޭ ކަމަށެވެ. އަދި ހައި ކޯޓުގެ އެހުކުމް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ދައުލަތުން މިއަދު ވަނީ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ.

ދައުލަތުން ބުނިގޮތުގައި ހައި ކޯޓުގެ ނިންމުން ބާތިލް ކުރިޔަސް، އެ މައްސަލައަކީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާ މަރުހަލާ އިން ފެށިގެން ދަށު ކޯޓުން ކުރިއަށް ގެންދަންޖެހޭ މައްސަލަ އެކެވެ.

ހައި ކޯޓަށް މައްސަލަ ހުށަހެޅީ ދައުވާ ލިބޭ މީހަކު ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ތޯ އާއި އައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ގެންދިޔައިރު ހައި ކޯޓުގައި އެކަން ފާހަގަ ކުރިންތޯ ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާ ސުވާލުކޮށްފަ އެވެ.

ފަނޑިޔާރުންގެ ބެންޗަށް ޖަވާބު ދެއްވަމުން ދައުލަތުން ބުނީ، ބުނީ ހައި ކޯޓަށް މައްސަލަ ހުށަހެޅީ ދައުވާ ލިބޭ މީހާ ހިމަނައިގެން ކަމަށާއި އޭނާގެ އައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ނިންމީ ހައި ކޯޓުން އަމިއްލަ އަށް ކަމަށެވެ. އަދި ހައި ކޯޓުގެ އެ ނިން މުމާ ދެކޮޅަށް ހަދާފައި ނުވާނެ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ރިޔާސަތު ބަލަހައްޓަވާ މި އަޑުއެހުން މިއަދު ވަނީ އެއްކޮށް ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފު ކުރަން ނުޖެހޭނަމަ ދެން އޮންނަނީ ހުކުމް އިއްވުމެވެ.

ހައި ކޯޓުން ދައުވާ ލިބޭ މީހާގެ އައިރު ހާޒިރުގައި މައްސަލައަށް ކުރިއަށް ގެންދަން ނިންމިއިރު މީގެ ކުރިން2017 ވަނަ އަހަރު ދައުވާ ލިބޭ މީހާގެ އައިރު ހާޒިރުގައި ކުރި ހުކުމެއް ހަައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތިން އަހަރަށް ޖަލަށް ލާން ކުރި ހުކުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް