ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައިފި އެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 11 މެންބަރުންގެ ސޮޔާ އެކުގައި މިއަދު އެވެ.
މި މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ހުޝާމް ހިމެނިވަޑައިގަންނަވައެވެ.
މި މައްސަލަ މަޖިލީހަށް ވެއްދިއިރު، މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން އިމްރާން މިދިޔަ ހޮނިހިރު ދުވަހުގެރޭ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އެ ޕްރޮގްރާމުގައި އިމްރާން ވިދާޅުވެފައިވަނީ އެކަމަކީ "އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެއީ "ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް" ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
އެވާހަކަތަކާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވުމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާއެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބޮޑު ކަމެއް ކަމަށެވެ.
https://twitter.com/ShimranAb/status/1320296419408801792
އިމްރާންގެ މި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް