އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރުމަށް ހުށަހެޅިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އެ މައްސަލަ ދިރާސާ ކުރާ ކުރީ މަޖިލީހުގެ ކޮމިޓީން ފާހެއް ނުވި އެވެ.
އޭސީސީގެ މެމްބަރުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ. މީގެ ކުރިން ވެސް މެމްބަރު ހަސަން ވަނީ އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅައިފަ އެވެ. ނަމަވެސް އެފަހަރު ނިންމީ އޭސީސީގެ މެމްބަރުން ވަކިކުރާ މައްސަލަ އެހެން ދުވަހަކަށް ފަސް ކުރުމަށެވެ. މިއަދުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ހަސަން ވަނީ އޭސީސީގެ މެމްބަރުންގެ މައްސަލަ އޮފް ދަ ރެެކޯޑުގައި މަޝްވަރާކުރުމަށް ހުށަހަޅައިފަ އެވެ.
މި ހުށަހެޅުމުގެ މަޝްވަރާ ބައިގަނޑިއިރަށް ދެމިގެން ދިޔަ އެވެ. އެ މަޝްވަރާގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ، ރައްޔިތުން އުއްމީދުކުރާ މިންވަރަށް ވުރެ އޭސީސީގެ މަސައްކަތް ލަސް ކަމަށެވެ. އެހެންކަމަށް ވިޔަސް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ދަތިތަށް ދެނެގަތުން މުހިންމު ކަމަށެވެ. އެހެން ވިދާޅުވެ މެމްބަރު ޝަހީމް ވިދާޅުވީ، ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަށް ދެނެގަތުމަށް އޭސީސީގެ މެމްބަރުން ވަކިވަކި ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.
ޝަހީމްގެ ހުށަހެޅުމަށް ދެކޮޅު ހައްދަވަމުން ކޮމިޓީގެ ނައިބު މުގައްރިރު އަދި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ކޮމިޝަނަށް އާ މެންބަރުން އައްޔަނުކުރެވުނުފަހުން އެދެވޭ ނަތީޖާއެއް ނެރެވެމުންނުދާ ކަމަށެވެ.
ނަަމަވެސް ޝަހީމް ހުށަހެޅުއްވި ގޮތަށް އޭސީސީގެ މެންބަރުން ވަކި ވަކިން ހާޒިރުކޮށް، ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް ކޮމިޓީގެ ހަ މެންބަރުންގެ ވޯޓާއެކު މިއަދު ވަނީ ފާސްކޮށްފަ އެވެ.
އޭސީސީގެ މެންބަރުން ވަކި ކުރަން ނުފެންނަކަމަށް ކޮމިޓީން މިއަދު ފާސްކޮށްފައިވާއިރު، ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުއާއެކު އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާ ނުކުރަން ނިންމާ އަނބުރާ އޭސީސީއަށް ފޮނުވި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް