ސަރުކާރުން ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ ބޭންކުރަޕްސީ ގާނޫނު ނުވުތަށް އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލަކީ އިގްތިސޯދީ ގޮތުން މުހިންމު ބިލެއް ކަމަށް މެމްބަރުން ވިދާޅުވެއްޖެ އެވެ.
ބޭންކުރަޕްސީ ގާނޫނު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. އެ ބިލް ތައާރަފުކޮށްދެއްވަމުން ރަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ކަންތައްތައް ހުރި ގޮތުން، ވިޔަފާރިކުރާ މީހަކު ދަރަނިވެރި ވެއްޖެ ނަމަ އެ މީހާ ވިޔަފާރިކުރުމުގެ ފުރުސަތު އަލުން ނުލިބޭ ކަމަށާއި އެކަމަކު އިފްލާސްވުމުގެ ފުރުސަތު އޮންނަ ނަމަ އެ ފުރުސަތު އަލުން ލިބޭނެ ކަމަށެވެ. ބިލު ގާނޫނަކަށް ވުމުން، އެ ގާނޫނުގެ ދަށުން އިފްލާސްވެވޭނީ އަދި އިފްލާސް ކުރެވޭނީ ފަރުދުންނަށް ކަަމަށާއި ކުންފުނިތައްް އިފްލާސް ނުކުރެވޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ބިލާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ރާއްޖޭގައި މިހާރު ކަންތައް އޮންނަ ގޮތުންނަމަ، މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން މަސައްކަތެއް ކުރަން އުޅޭ މީހަކަށް އެކުރަން އުޅޭ ކަމެއް ކާމިޔާބު ނުވެއްޖެނަމަ އެ ހިސާބުން އެ މީހެއްގެ ދުވަސް ދިޔައީ ކަމަށެވެ. އެގޮތުން އެ މީހާ އާއި އާއިލާގެ ހުރިހާ ފައިސާއެއް ހިފަހައްޓައި، އެއްވެސް ކަމެއް ނުކުރެވޭ ފަދަ ހާލަތެއް ކުރިމަތިވާ ކަމަށެވެ.
ލަބީބު ވިދާޅުވި ގޮތުންނަމަ ބޭންކުރަޕްސީ ބިލް ގާނޫނަކަށް ވުމުން، ކޯޓަށް ގޮސް ބޭންކުރަޕްސީ އިއުލާނުކޮށް އެ މަރުހަލާ ނިމުމުން އަނބުރާ ވިޔަފާރީގެ މަސައްކަތަށް ދިޔުމުގެ ފުރުސަތު ދީފައި އޮތުމުންނެވެ. އަދި މީގެ އިތުރުން ދަރަންޏަށް ފައިސާ ދޭ މީހާގެ މަސްލަހަތަށް ވެސް ބޭންކުރަޕްސީ ބިލް ގާނޫނުކަަށް ވުން މުހިންމު ކަމަށް ލަބީބް ވަނީ ވިދާޅުވެފަ އެވެ.
ބިލުގެ މުހިންމުކަމަށް އިތުރަށް އަލިއަޅުއްވާ ލަބީބު ވިދާޅުވީ، މިހާރު އޮންނަ ގޮތުން މީހަކަށް ދޫކުރާ ފައިސާއެއް ނުލިބިގެން ކޯޓަށް ދިޔަސް ފައިސާ އަނބުރާ ހޯދޭނެ ގޮތެއް ނޯންނަ ކަމަށާއި އެކަމަކު މި ބިލުން އެކަަމަށް ހައްލެއް ލިބޭނެ ކަމަށެވެ.
ޓޫރިޒަމަށް ދޫކޮށްފައިވާ ރައްތަކުގެ ތެރެއިން 70 ވަަރަކަށް ރަށް ނުހެދި އޮތް އިރު އެ ރަށްތަކުގެ ނަމުގައި ލޯނުތައް ނަގައި، ނުދެއްކިފައި އެބަހުރި އެވެ. އަދި ބޭންކުރަޕްސ ބިލް ގާނޫނުަކަށްވުމުން އެ ރަށްތަށް ވިއްކައިގެން ދައުލަތަށް ބިލިއަނެއްހާ ޑޮލަރު ލިބޭނެ އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، އިގްތިސޯދަށް މިހާރު ދިމާވެފައިވާ ހީނަރުކަމަށް ބަލާއިރު ބޭންކުރަޕްސީ ގާނޫނެއް މުހިންމު ކަމަށެވެ.
މި ބިލްގެ ބަހުސް ކުރުމުގެ ތެރެއިން ބިލުގައި ބައެއް ކަންތައް މެމްބަރުންނަށް ނޭގުމުން، ބިލުގައިވާ މަފްހޫމްތަކާ ބެހޭ މައުލޫމާތު މެމްބަރުންނަށް ދެއްވަން ކަމާ ބެހޭ މާހިރަކު މަޖިލީހަށް ގެންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި މާހިރުން މަޖިލީހަށް ގެންނަނީ މާދަމާގެ މަޖިލިސް ޖަލްސާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް