ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ގއ މާމެންދޫ ކޯޓުގެ އިސް ގާޒީ އަހުމަދު ޝުކޫރު ސަސްޕެންޑު ކުރަން މިއަދު ނިންމައިފި އެވެ.
ޝުކޫރު މަގާމުން ސަސްޕެންޑު ކުރުމަށް ޖޭއެސްސީއިން ނިންމީ އޭނާއާ ދެކޮޅަށް ބަލަމުން އަންނަ މައްސަލަތަކަކާ ގުޅޭ ހެކީގެ މައްޗަށް ރިއާޔަތްކޮށެވެ. އަދި ޝުކޫރު މަގާމުން ސަސްޕެންޑު ކުރަން ޖެހުނީ ޝަރުއީ ދާއިރާގެ އިތުބާރު ދަަމަހައްޓަން ވެސް ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. ޝުކޫރު ސަސްޕެންޑު ކުރީ ދެ މަސް ދުވަހަށެވެ.
ސަސްޕެންޑު ކުރި ޝުކޫރު ފަޑިޔާރެއްގެ މަގާމެއްގައި ހުރެގެން ކޮށްގެން ނުވާނެ ކަމެއް ކުރި ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހު ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝުކޫރު ފަޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ޝުކޫރު ކޮށްފައިވާކަމަށް ސާބިތުކުރެވޭ ކަންތައްތަކުގެ ތެރޭގައި ގއ. ވިލިނގިލި ކޯޓުގައި މަސައްކަތް ކުރެއްވިއިރު، ގާތް ގުޅުމެއް އޮންނަ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއް ކޯޓުގައި ހިނގި ދުވަހަކު ތުހުމަތު ކުރެވޭ މީހާގެ ވަކީލާ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް، އެ ވަކީލު ދިން ސިޓީ އުރައަކާ ހަވާލުވުން ހިމެނެ އެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކަށް ސަޕޯޓު ކުރައްވާކަން ވެސް ޝުކޫރު ވަނީ ބަޔާން ކުރައްވާފަ އެވެ. އަދި އެ ކެންޑިޑޭޓަށް ވޯޓު ހޯދައިދޭން މަސައްކަތް ކުރިކަން ވެސް ވަނީ ސާބިތުވެފަ އެވެ.
ގއ. ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތެއްގައި ހަައްޔަރުކުރި ބައެއް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުގައި، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް އިސް މެޖިސްޓްރޭޓް ޝުކޫރު ފުލުހުންނާ ހިއްސާ ކުރެއްވިކަން ވެސް ވަނީ ސާބިތުވެފަ އެވެ.
މީގެ އިތުރުވެސް ޝުކޫރާ ގުޅޭ ގިނަ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް