ލ. ގަމު ކައިރީގައި އެންދަމަން އޮއްވަ ތޫނު ހަތިޔާރާއި އެކު ގްރޫޕަކުން އެރި ދޯންޏަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގަނެ، ބަރާބަރަށް ފައިސާ ނުދައްކާ އޮތް ދޯންޏެއްކަން ސާބިތު ކޮށްދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
ފުލުހުން ބުނީ އެ ދޯންޏަށް ގްރޫޕަކުން އެރީ ގަމު މީހެއްގެ އަތުން މި ދޯނި ގަތް ފަރާތުން ބަރާބަރަށް ފައިސާ ދައްކަމުން ނުދާތީ ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ. މި ދޯނި ގަތް ކަމަށް ވަނީ މަހުން މަހަށް ފައިސާ ދައްކާގޮތަށް ހަތް މިލިއަން ރުފިޔާ އަށެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އޭނާ ނުވަތަ އޭނާގެ ކުންފުންޏަކުން އެ ދޯނި ގަތް ކަމަށް ވާނަމަ އެއްބަސްވުމެއް އޮންނާނެ ކަމަށެވެ. ޖާބިރަކީ އެއްބަސްވުމެއް ނެތި މީހުންގެ އަތުން ދޯންޏެއް ފޭރި ގަންނާނެ މީހެއް ނޫން ކަމަށް ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ އެ ދޯނި ގަތީ ޖާބިރު ކަމަށް ވެރި ފަރާތުން ބުނާއިރު އެމީހާ އާއި އެކު އެއްބަސްވުން ހެދި ޖާބިރުގެ ކުންފުނީގެ ނަން ހާމަ ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު އެ ދޯންޏާއި ގުޅޭގޮތުން އޭނާއަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެ ދޯންޏާއި އޭނާ އާއި ގުޅުމެއް ވާނަމަ ކަން ހިނގާ ގޮސްފައިވާ ގޮތް މީޑިއާގައި ހާމަ ކުރައްވާނެ ކަމަށެވެ.
ދޯނީގެ ވެރި ފަރާތުން މީޑިއާގައި ބުނެފައިވަނީ އޭނާ ޖާބިރަށް ދޯނި ވިއްކީ މީގެ ދެ އަހަރު ކުރިން ކަމަށެވެ. އަދި މިހާތަނަށް ޖާބިރު ދައްކާފައިވަނީ ހަތް ލައްކަ ރުފިޔާ ކަމަށެވެ.
ފުލުހުން ބުނީ ތޫނި ހަތިޔާރާއި އެކު ގްރޫޕަކުން އެ ދޯންޏަށް އެރިޔަސް އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ދީފައި ނުވާ ކަމަށެވެ. އެމީހުންގެ ޑިމާންޑަކަށްވީ ދޯނި ގަމު ފަޅަށް ވެއްދުމެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް