ޖާބިރުގެ ކޭބަލް ކާރު މަޝްރޫއަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން: އަސްލަމް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަޖިލިސް އިންތިހާބު ކެމްޕެއިން ވައުދެއް ކަމަށްވާ ކ. ކާށިދޫ އާއި ގާފަރާއި ދެމެދު ކޭބަލް ކާރު އެޅުމުގެ މަޝްރޫއަށް ސަރުކާރުގެ ތާއީދު ނެތްކަމަށް ޕްލޭނިން މިނިސްޓަ...

26 Oct 2020 | 06:11

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަޖިލިސް އިންތިހާބު ކެމްޕެއިން ވައުދެއް ކަމަށްވާ ކ. ކާށިދޫ އާއި ގާފަރާއި ދެމެދު ކޭބަލް ކާރު އެޅުމުގެ މަޝްރޫއަށް ސަރުކާރުގެ ތާއީދު ނެތްކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު މަޖިލީހަށް މިއަދު ހާޒިރު ކުރީ އެ މަަޝްރޫއަށް ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލައިގަ ސުވާލު ކުރުމަށް ޖާބިރު އެދިވަޑައިގެންނެވުމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޭބަލް ކާރު މަޝްރޫއަކީ ކުރެވޭނެ އަދި ކުރަން ހެޔޮވާވަރުގެ ވެސް ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކުރިޔަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގައި އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ ކިތަންމެ ބާރަށް އެ ވާހަކަ ދެއްކިޔަސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބޭރު ގައުމުތަކުގައި ދެ ސިޓީ ދެމެދުގައި ކޭބަލް ކާރު އަޅާފައި ހުއްޓަސް ކާށިދޫ އާއި މާލެ އާއި ދެމެދު ކޭބަލް ކާރު އަޅައިގެން ދެމެހެއްޓެނިވިގޮތެއްގައި އެކަން ނުކުރެވޭނެ ކަމަށެވެ.

ކާށިދޫ އާއި ގާފަރާއި ދެމެދު ކޭބަލް ކާރު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް ހަދަން ޖެހޭ ދިރާސާތައް ކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނި، ސިންޓެކްނިއާ އިންޖިނިއަރިންގެ އިސް ދެ ބޭފުޅަކު މީގެ ކުރިން ރާއްޖެއަށް އައިސްފައިވެ އެވެ. އެ ދުވަސްވަރު ޖާބިރު ވަނީ އެ ވައުދު ހަގީގަތަކަށް ހަދައިދެވޭނެ ކަމުގެ ފެހި ސިގްނަލް އެ ބޭފުޅުންގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް