ދިވެހި ގްރޫޕަކުން މަސް ދޯންޏެއް ހައިޖެކްކޮށްފި !

ލ. އަތޮޅުގައި އެންދަމަން އޮތް ދޯންޏަކަށް ދިވެހި ގްރޫޕަކުން އަރާ އެ ދޯނި ހައިޖެކް ކުރިކަމަށް އެ ދޯންޏާ ހަވާލާދީ އައްޑޫލައިވްގައި ރިޕޯޓްކޮށްފިއެވެ. އެގޮތުން އެނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރޭ ދަންވަ...

26 Oct 2020 | 03:10

ލ. އަތޮޅުގައި އެންދަމަން އޮތް ދޯންޏަކަށް ދިވެހި ގްރޫޕަކުން އަރާ އެ ދޯނި ހައިޖެކް ކުރިކަމަށް އެ ދޯންޏާ ހަވާލާދީ އައްޑޫލައިވްގައި ރިޕޯޓްކޮށްފިއެވެ.

އެގޮތުން އެނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށެވެ.

އެދޯނި އެވަގުތު އޮތީ ލ. ގަމު "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެން ކަމަށާއި ގްރޫޕަކުން ދޯންޏަށް އަރައި ތޫނު އެއްޗެހިން ބިރު ދައްކައި ދޯނި ހައިޖެކްޓު ކުރި ކަމަށް އެ ދޯންޏާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

"ދޯނީގެ ފަޅުވެރިން ތިބީ އެންދަމަން ދިއްލައިގެން، ތިއްބާ ކުއްލިއަކަށް ބަޔަކު ދޯންޏަށް އެރީ، އޭރު ކެޔޮޅު އޮތީ އެތެރޭގައި އިތުރު ދެމީހަކާއި އެކު، އެހެން އޮތްވާ ހަތިޔާރާއި އެކު އައި ބަޔަކު އައިސް ކެޔޮޅު ހޯދަން ބުނި، އެހިސާބުން މުޅި ދޯނި އެމީހުންގެ ބެލުމުގެ ދަށައް ގެންދިޔަ" އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި އެ ދޯނި ހައިޖެކްކޮށްގެން ގެންދިޔައީ ލ. ގަމު ބަނދަރަށެވެ. އެ ގްރޫޕުގައި 30 ވަރަކަށް މީހުން ތިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ދޯންޏާ ހަވާލާދީ ބުނެފައިވާގޮތުގައި އެ ދޯނިން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން، ގަމު ބަނދަރަށް ދޯނި ގާތްކުރިއިރު ފުލުހުންގެ ވެހިކަލް ބަނދަރުގައި އޮތެވެ. އަދި އެ ގްރޫޕު މީހުން ނަން ނޯޓުކޮށް އެމީހުންގެ ގެންގުޅުނު ހަތިޔާރު އަތުލާފައި ދޫކޮށްލީ ކަމަށްވެސް އެ ދޯންޏާ ހަވާލާދީ އައްޑޫލައިވްގައި ބުނެފައިވެއެވެ.

"މިއީ އަހަރެމެން ކާން ބޯން ކުރާ މަސައްކަތް، މި ދޯނީގައި ތިބި 22 މީހުން މިތިބީ ނަފްސާނީ ގޮތުން އަސަރުކޮށްފައި، އެ ބިރުވެރި ހާދިސާއަށް ފަހު، މިއީ ހަމަ ސޯމާލިޔާގެ ކަނޑުފޭރޭ މީހުންނާއި އެއްވެސް ތަފާތެއް ނެތި ހިނގިކަމެއް، މިތިބީ ބޮޑު ބިރުވެރިކަމެއްގައި" ދޯންޏާ ހަވާލާދީ އައްޑޫލައިވްގައި ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ދޯންޏަކީ ފަހުން ފައިސާ ދައްކާގޮތަށް ވިއްކާލާފައި އޮތް ދޯންޏެކެވެ. ނަމަވެސް އެ ފައިސާ ދައްކާފައިނުވާތީ ދޯނީގެ ވެރިފަރާތާ ގަތް ފަރާތާ ވަނީ މައްސަލަ ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް