ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރ. ކުޑަކުރަތުން ކޯވިޑް-19 އަށް 63 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ އަދަދު 84 އަށް އެރި ނަމަވެސް އަދަދު ކުއްލިއަކަށް އިތުރުވެފައިވަނީ އެ ރަށުން ޕޮސިޓިވްވި މީހުންގެ އަދަދު ގިނަ ކަމުން ކަމަށެވެ. މިދިޔަ ހަފްތާއެއްހާ ދުވަހު ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ ޖުމްލަ އަދަދު އުޅެނީ 40 އިން ދަށުގައި އެވެ.
ކުޑަކުރަތުން ކޯވިޑަށް ބަޔަކު ޓެސްޓު ކުރަން ނިންމީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ރިޕޯޓު ކުރުމުންނެވެ. އެގޮތުން މިމަހުގެ 21 އަދި 22 ވަނަ ދުވަހު 89 ސާމްޕަލެއް ނަގައި ޓެސްޓު ކުރިއެވެ.
ހުރިހާ ޓެސްޓެއްގެ ނަތީޖާ މިއަދު ލިބިފައިވާއިރު އޭގެ ތެރެއިން މިމަހުގެ 23 ވަނަ ދުވަހު ހަތަރު ސާމްޕަލެއް، 24 ވަނަ ދުވަހު ހަތް ސާމްޕަލް އަދި މިއަދު 52 ސާމްޕަލް ޕޮސިޓިވްވެފައިވާ ކަމަށް ބުނެ އެވެ. އަދި މިހާރު ޖުމްލަ އަދަދު 63 އަށް އަރާފައިވާ ކަމަށް ބުނެ އެވެ.
އެޗްއީއޯސީން ބުނީ ޕޮސިޓިވްވި މީހުން ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބަލި ހާލަތު ހުރި ގޮތުން އެކަކަށް ފަރުވާ ދެމުން ދަނީ ބ. އޭދަފުށީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ކަމަށް ބުނެ އެވެ.
އެޗްއީއޯސިން މި ރަށް ހިމަނާފައިވަނީ ރިސޯޓެއްގެ ގޮތުގައި އެވެ. މިވަގުތު ރާއްޖޭގެ 24 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް 82 މުވައްޒަފުންނާއި 26 ޓޫރިސްޓުން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް