ކުޅުދުއްފުށިން ޕޮސިޓިވްވި މީހުންގެ އަދަދު ތިނަކަށް އަރައިފި

ކުޅުދުއްފުށީ ސިޓީން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ތިނަކަށް އަރައިފި އެވެ. ކުޅުދުއްފުށީ ސިޓީން ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވީ އެރަށުގައި ދުއްވާ "ފާޅަ ބޯޓު" ގެ ފަޅުވެރި އެކެވެ. އެމީހާ ޕޮސިޓިވް...

26 Sep 2020 | 17:43

ކުޅުދުއްފުށީ ސިޓީން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ތިނަކަށް އަރައިފި އެވެ.

ކުޅުދުއްފުށީ ސިޓީން ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވީ އެރަށުގައި ދުއްވާ "ފާޅަ ބޯޓު" ގެ ފަޅުވެރި އެކެވެ. އެމީހާ ޕޮސިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީގެ އިތުރުން ހދ. ނޮޅިވަރަމް ވަނީ މޮނިޓަރިންއަށް ލާފައި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ކުޅުދުއްފުށިން އިތުރަށް ޕޮސިޓިވްވި ދެ މީހުންނަކީ އިއްޔެ ޕޮސިޓިވްވި މީހާއި އާއި ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ އެ ބޯޓުގެ ދެ ފަޅުވެރިން ކަމަށެވެ. އެމީހާ އާއި ކޮންޓެކްޓުވެގެން އެ ބޯޓުން މިހާތަނަށް 11 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ނޮޅިވަރަމްއިން އެމީހާ އާއި ކޮންޓެކްޓުވެފައިވާ ދެ މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ރަށް މޮނިޓަރިންއިން ނަގާނީ އިތުރަށް ބެލުމަށް ފަހު ކަމަށެވެ.

އެޗްއީއޯސީން ބުނީ މިިވަގުތު ރާއްޖޭގެ 20 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 48 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ޕޮސިޓިވްވި މީހުން އެންމެ ގިނައިން ތިބީ ގދ. ހޯނޑެއްދޫގައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލައި ރަށަށް އަރައި ފޭބުން މަނާކޮށްފައި އޮތީ، ކުޅުދުއްފުށީ ސިޓީ، ނޮޅިވަރަމް އަދި ހޯނޑެއްދޫއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް