ބާސެލޯނާއިން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވާދަވެރި އެތްލެޓިކޯ މެޑްރިޑްއަށް ވިއްކާލާފައިވާއިރު، ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ދަނީ އެކަމާއި ބަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން މެސީގެ ފާޑުކިޔުންތަށް ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަންއާއި ބާސާގެ ރައީސް ބޯޓެމެއޫ އަށް އަމާޒުވެފައިވާއިރު، ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ މެސީގެ މި ނުރުހުމުގެ ބަސްތަކަށް ރަށްދު ވެސް ދީފައެވެ.
އެގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ކޫމަން ބުނީ ސުއަރޭސް ވިއްކާލުމުގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެ ކަމަށާއި އެކަމަކީ އޭނާ ބާސާގެ ކޯޗުކަމާއި ހަވާލުވުމުގެ މާކުރިންވެސް ބާސާގެ މެނޭޖުމަންޓުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.
ކޫމަން އިތުރަށް ބުނީ ސުއަރޭޒް އޭނާގެ ޕްލޭނުގައި ހިމަނަން ނިންމާ ބާސާގެ ފަރިތަކިރުންތަކުގައި ވެސް ބައިވެރި ކޮށްފައިވާނެ ކަމަށާއި ނަމަވެސް ބާސާގެ މެނޭޖުމަންޓުން އެކަން ހުއްޓުވީ ކަމަށް ކޫމަން ބުނެފައިވެއެވެ.
" ސުއަރޭޒް ވިއްކާލުމުގެ ޒިންމާ އަހަރެން ނަގާކަށް ނުޖެހޭނެ. އެއީ އަހަރެން ބާސާގެ ކޯޗުކަމާއި ހަވާލުވުމުގެ މާ ކުރިންވެސް ބާސާގެ މެނޭޖުމަންޓުން ނިންމާފަ އޮތް ނިންމުމެއް" ކޫމަން ނުންޏެވެ.
ނަމަވެސް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބާސާއިން އުމުރުން 33 އަހަރުގެ ސުއަރޭޒް ވިއްކާލަން ނިންމީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، އެޓީމުގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީއެވެ. އަދި ސުއަރޭޒަށް ބާސާއިން ފުރުސަތެއް ނެތްކަން އެންގީ ފޯން ކޯލަކުން ކޫމަން ކަމަށެވެ.
ސުއަރޭޒް ވިއްކާލުމާ ގުޅިގެން އެކަމާއި ހިންހަމަ ނުޖެހުން ފައުޅުކޮށް މެސީ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުލަބު ދޫކޮށްލިއިރު ސުއަރޭޒަށް ހައްގުވާ ވަރުގެ މަސައްކަތެއް ބާސާއިން އޭނާއަށް ކޮށްދީފައި ނުވާ ކަމަށެވެ. އަދި ބާސާއިން ސުއަރޭޒް ބޭރުކުރުމުގައި ކަންތައް ކުރީ ރަނގަޅަށް ނޫން ކަމަށެވެ.
ގިނަ އަހަރުތަކެއް ވަންދެން ބާސާއަށް ކުޅުނު ސުއަރޭޒް ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުއަރޭޒް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
އަދި މީގެއިތުރުން ސުއަރޭޒް ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.
ސުއަރޭޒް ބާސާ ދޫކޮށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވީ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް