ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންތިޚާބު ބާއްވާ، މަޤާމުތަކަށް މެމްބަރުން ޢައްޔަން ކޮށްފި އެވެ.
ހ. ބޯޅަ ގޭގައި މިއަދު ކުރިޔައަށްދިޔަ އިންތިޚާބުގައި އެ ބޯޑުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެފައިވަނީ އެ އިދާރައިގެ ނައިބު ރައީސްކަމާއި، ޖެނެރަލް ސެކެއްޓަރީގެ މަގާމު ފުރުއްވި މުހައްމަދު ފައިސަލް އެވެ. އަދި ނައިބް ރައީސަކަށް އިންތިޚާބުވެފައިވަނީ އަހުމަދު ހުސެއިން (ކުޑަދޮނާ) އެވެ.
ރައީސްގެ މަގާމަށް ވާދަކުރެއްވީ ވެސް ފައިސަލް އެކަނި ކަމަށްވަތީ، އެމަޤާމަށް ނެގީ ފެންނަ، ނުފެންނަ ވޯޓެކެވެ. ފައިސަލް އަށް ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތާއީދު ލިބިފަ އެވެ.
ނައިބުގެ މަގާމަށް ކުޑަދޮނާ އަށް ފެންނަ ކަމަށް 12 ވޯޓް އަދި ނުފެންނަ ކަމަށް ދެ ވޯޓް ލިބުނު އިރު، އޭނާއާ ވާދަކުރެއްވި ކުރީގެ ނައިބް ރައީސް މާދިހު އިސްމާއިލް އަށް ފެންނަ ކަމަށް ލިބުނީ ދެ ވޯޓު އަދި ނުފެންނަ ކަމަށް 11 ވޯޓް ދީފައި ވެއެވެ.
މީގެ އިތުރުން އެސޯސިއޭޓް މެންބަރުންގެ ގޮތުގައި 12 ވޯޓާއެކު ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ފާތިމަތު ރިޒްނާ އަދި 11 ވޯޓާއެކު އިސްކަންދަރު ސްކޫލުގެ އަޙްމަދު އާމިރު ވަނީ އިންތިޚާބު ވެފައެވެ. އަދި ފަރުދީ މެންބަރު ކަމަށް ހޮވުނީ 16 ވޯޓާއެކު ކުރީގެ ކުޅުންތެރިޔާ އަޙްމަދު ކަލީމެވެ.
ފުރިހަމަ މެންބަރުކަމަށް ސީބީއެލް ސްޕޯޓްސްގެ މުޝްތާގު އަހުމަދު ދީދީ އާއި، އޮފްއެފްސީގެ އަބްދުﷲ ސައުދާނާއި، ނިއު ސްޓަރ ސްޕޯޓްސްގެ މުޙައްމަދު އަޝްރަފް އަދި ހިންނަވަރު ހިރިޔާގެ މުޙައްމަދު ރިޔާޒު އިންތިޚާބުވީ 16 ވޯޓާއެކު އެވެ.
2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އަޙްމަދު ހަސަން ދީދީ ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމުގައި ހުރިއިރު، ފައިސަލަކީ އޭރުގެ ނައިބު ރައީސެވެ. އަދި ފައިސަލް ވަނީ ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ފުރުއްވާފައެވެ.
މިހާރުގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު އަފްލާހު (އަފޫ) މި ފަހަރު ވާދަނުކުރައްވަ އެވެ.
އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 ފަރާތަކަށް ލިބިގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް މެންބަރުންގެ ގޮތުގައި ހިމެނޭ 15 ކުލަބުގެ އިތުރުން ސްކޫލުތަކުން އައި އެއް ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް