ޕްރިމިއާ ލީގް: ޔުނައިޓެޑަށް އުނދަގޫ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ. މިއަދު ހަވީރު ކުޅުނު މެޗުން ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއަކު...

26 Sep 2020 | 14:50

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ބްރައިޓަނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބްރައިޓަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު،

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބްރައިޓަނުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރައިޓަނަށް ލީޑު ނަގައިދިނީ ނީލް މޯޕޭއެވެ. މިއީ އޭރިއާ ތެރެއިން ބްރައިޓަނުގެ ތާރިގް ލަމްޓީއަށް ޔުނައިޓެޑުގެ ފެނާންޑޭސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ނަމަވެސް ބްރައިޓަންއަށް މެޗުގެ ލީޑު ހިފަހައްޓާލެވުނީ ކިޑަ ވަގިތު ކޮޅަކަށެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަބީ ނަތީޖާ އެއްވަރުކޮށްފައެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި މި ލަނޑަކީ ބްރައިޓަނުގެ ކެޕްޓަން ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުވެސް އެއްވަރެއްގައި އޮވެ ނިންމާލިއިރު، މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ބްރައިޓަނުގެ އާރޮން ކޮނޮލީއަށް އޭރިއާ ތެރެއިން ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ފައުލް ކުރި ކަމަށް ނިންމާ ރެފުރީ ވަނީ މެޗުގެ ދެވަނަ ޕެނަލްޓީއެއް ބްރައިޓަނަށް ދޭން ނިންމާފައެވެ. އެހެން ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފުރީ ވަނީ އެ ޕެނަލްޓީ ނުދޭން ނިންމާފައެވެ.

ހަމަ އެގޮތަށް މެޗުގެ 52 ވަނަ މިނެޓުގައި ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް ޖެހި ލަނޑެއް ވެސް ވަނީ ވީއޭއާރު ބަލާ ސައިޑް ކަމަށް ނިންމާ ބާތިލުކޮށްފައެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގި ލަނޑު ކާމިޔާބު ކުރީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ރަޝްފޯޑް އެވެ.

ބްރައިޓަނުން ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ފަހު މިނެޓުގައެވެ. އަލީރިޒާ ޖަހަންބަޚްޝް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ބްރައިޓަނަށް ކާމިޔާބުކޮށްދިނީ މާޗެވެ.

ނަމަވެސް އޭގެ ސިކުންތުކޮޅެއް ފަހުން އޭރިއާ ތެރެއިން ބްރައިޓަނުގެ މޯޕޭ އަތުގައި ބޯޅަ ޖެހުނުކަމަށް ބުނެ ވީއޭއާރް ބެލުމަށްފަހު ރެފުރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށް މި މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ ފެނާންޑޭސްއެވެ.

ބްރައިޓަން އަތުން ހޯދި މި މޮޅާއެކު ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. ބްރައިޓަން އޮތީ ތިން ޕޮއިންޓާއެކު ތާވަލްގެ 10 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް