ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފުޓްބޯޅަ އެސޯސިއޭޝަން (ޓީޓީއެފްއޭ)ގެ މައްސަލައެއް އެ ގައުމުގެ ހައި ކޯޓުގައި ކުރިއަށްގެންދާތީ އެ ގައުމު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކުރަން ފީފާ އިން ނިންމައިފި އެވެ.
ޓީޓީއެފްއޭގެ ރައީސް ވިލިއަމް ވަލަސްގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ޓީޓީއެފްއޭ ހިންގުން އިތުރަށް ހަރުދަނާކޮށް ފީފާގެ އަސާސީ ގަވާއިދަށް ފެއްތުމުގެ މަސައްކަތް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ.
އެހެން ނަމަވެސް ޓީޓީއެފްއޭގެ ރައީސް ވިލިއަމް ވަލަސް ވަނީ ޓީޓީއެފްއޭ ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ބުނެ ފީފާގެ މި ނިންމުމާއި ދެކޮޅަށް ޓްރިނިޑާޑް ހައި ކޯޓަށް މައްސަލަ ވައްދައިފަ އެވެ.
އަދި އޭނާ ބުނެފައިވާ ގޮތުން ޓީޓީއެފްއޭ އިން އަމަލުކުރަނީ ޓްރިނިޑާޑް އާއި ޓީޓީއެފްއޭގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
މި މައްސަލައާއި ގުޅިގެން ފީފާއިން މެރެ އާބަމުކުރި ބަޔާނެއްގައި ބުނެފައި ވަނ މިދިޔަ ބުރާސްފަތި ދުވަހު ފީފާ އިން ޓްރިނިޑާޑަށް އެންގީ ޓީޓީއެފްއޭ ރީތި އުސޫލުގެ ތެރެއިން ހަމަމަގަށް ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ޓީޓީއެފްއޭ ސަސްޕެންޑްކުރަން ނިންމީ ކަމަށެވެ.
މީގެ އިތުރުން ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓީޓީއެފްއޭގެ ސަސްޕެންޝަން ނަގައި ކުރީގެ ހާލަތަށް ގެނެވެން އޮތީ ނޯމަަލައިިޒިން ކޮމިޓީގެ ބެލުމުގެ ދަށުގައި އެސޯސިއޭޝަންގެ ކަންތައްތައް ރަނގަޅުކޮށް ޓީޓީއެފްއޭގެ އަސާސީ ގަވާއިދު ފީފާގެ އަސާސީ ގަވާއިދާ ފުށުނާރާގޮތަށް އެކުލަވާލައި އެ ފާސްކޮށްގެން ކަމަށެވެ.
މިހާރު އޮތްގޮތުން ފީފާގެ ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އަށް ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ޓްރިންޑާޑްގެ ވޯލްޑް ކަޕް ކޮލިފައިންގައި ގުޔާނާއާއި ދެކޮޅަށް ކުޅެން ހަމަ ޖެހިފައިވާ މެޗު ނުކުޅެވޭނެ އެވެ.
ފީފާ އިން ޓްރިނިޑާޑް ސަސްޕެންޑްކޮށްފައިވީ ނަމަވެސް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ގޯލްޑް ކަޕްގައި އަދިވެސް އެ ޓީމު އޮތީ ހިމަނައިފަ އެވެ. އެ ޓީމަށް އެ މުބާރާތުގެ ޖާގަ ގެއްލޭނީ މި އަހަރު ޑިސެމްބަރު 18 ގެ ކުރިން ފީފާގެ ސަސްޕެންޝަން އުވާ ނުލައިފިނަމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް