ރާއްޖޭގެ ފަތުރުވެރިކަމުގައި "ސޮނެވާ" މި ބްރޭންޑަކީ ނުވަތަ ނަމަކީ ވަރަށް ކާމިޔާބު ނަމެކެވެ. ނުވަތަ ކާމިޔާބު ބްރޭންޑެކެވެ.
ސޮނެވާގެ އެކި ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެމީހުން ބޭނުންވާ ގޮތަށް ނުވަތަ އަބަދުވެސް ތަފާތު ގޮތްގޮތަށް ކަންކަން ކޮށްދިނުމަކީ "ސޮނެވާ" މި ބްރޭންޑުގެ އަމާޒެކެވެ.
ރާއްޖޭގައި "ސޮނެވާ" މި ބްރޭންޑު ނުވަތަ ނަމުގައި ފުރަތަމަ ހުޅުވީ ބ. ކުންފުނަދޫގައި ސޮނެވާ ފުށި ރިސޯޓެވެ. އަދި އެއަށްފަހު، މާލެ އަތޮޅު ލަންކަންފުށީގައި ސޮނެވާ ގިލި ރިސޯޓެވެ. އެއަށްފަހު، ސޮނެވާ ލާމުގެ ނަމުގައި ލ. އަތޮޅުގައި ރިސޯޓެއް ހުޅުވައި، ފުޅާކުރަމުންގޮސް ނ. އަތޮޅުގައި ސޮނެވާ ޖާނީ ގެ ނަމުގައިވެސް ވަނީ ރިސޯޓެއް ވަނީ ހުޅުވާފައެވެ.
ދައްކަން މިއުޅެނީ ރާއްޖޭގައި އެ ކުންފުނިން ހިންގާ ރިސޯޓުތަކުގެ ވާހަކައެއް ނޫނެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން އެ ރިސޯޓު ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކައެއްވެސް ނޫނެވެ.
އެކަމަކު ފަށައިގަތުމުގައި އެކަމަށްވެސް ކުޑަ އަލިކަމެއް އަޅުވައިލުން މުހިންމު ކަމުގައި ދެކޭތީ، އެވާހަކަ ވެސް ދައްކާލަނީ އެވެ.
ރާއްޖޭގައި ތިމާވެއްޓާއި ރަށްޓެހި އަދި ފަތުރުވެރިންގެ ޕްރައިވެސީއަށް އިސްކަންދީގެން ފަރުމާ ކުރާ ރިސޯޓުތައް މަދު ނަމަވެސް ސޮނެވާގެ ފެށުމަކީ އެއީ އެވެ.
އެހެންކަމުން ތިމާވެއްޓަށް ދޭ އަހައްމިއްޔަތުގެ ބޮޑުކަމުންނާއި ތިމާވެށި ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތުގް އަގު ވަޒަންކޮށް އެ ރިސޯޓަށް ވަނީ "ފެހިފަތް" އެތައް ފަހަރަކު ލިބިފަ އެވެ. އަދި ފަތުރުވެރިކަމާ ގުޅޭ އެތައް އެވޯޑެއް ރާއްޖެއިން ބޭރުން އެ ރިސޯޓަށް ލިބިފައި ވެއެވެ.
މި ހިސާބުން މާ ދިއުޅީ ދިގު ނުކޮށް އަސްލު ވާހަކަ އަށް ޖެހިލާނަމެވެ.
ދުނިޔޭގެ މިވަގުތު ހުރި އެންމެ ބޮޑެތި ވޯޓާ ވިލާތައް ސޮނެވާފުށީގައި ވަނީ ހުޅުވާފައެވެ.
މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އެއްކޮޓަރީގެ ވިލާތަކާއި ދެކޮޓަރީގެ ވޯޓާ ވިލާތައް ސޮނެވާ ފުށީގައި ހުޅުވާފައިވާ އިރު، އެއްކޮޓަރީގެ ވޯޓާ ވިލާތަކުގެ ބޮޑުމިނުގައި 6،286 ސްކުއެއާ ފީޓް، ދެ ކޮޓަރީގެ ވޯޓާ ވިލާތަކުގައި 9،224 ސްކުއެއާ ފީޓް ހުރެ އެވެ.
އެ ރިސޯޓުން ބުނީ "ވޯޓާ ރޫމްސް"ގެ ނަން ދީފައިވާ އެންމެ ބޮޑު ވިލާތަކުގެ ޖުމްލަ އަށް ވިލާ ސޮނެވާ ފުށީގައި ހިމެނޭނެ ކަމަށެވެ.
ތަޅުމަށް ބިއްލޫރި ޕެނަލް ބޭނުންކޮށްފައިވާ އިރު، ފައިގެ ދަށުން މޫދާއި މުރަކަތައް ރީތިކޮށް ބަލާލުމަށް ފުރުސަތު ލިބެ އެވެ. އަދި ވިލާގެ މަތީން ސީދާ މޫދަށް ކައްސާލެވޭގޮތަށް ޚާއްސަ ސްލައިޑެއްވެސް އެ ވިލާތަކުގައި ހަރުކޮށްފައި ހުރެ އެވެ.
މިއީ ސޮނެވާ ޖާނީގައިވެސް ހުރި ވޯޓާ ވިލާތަކުގައި ބޭނުންކޮށްފައިވާ ހިދުމަތެކެވެ.
އެ ވިލާތަކުގެ ތެރެއިން އެއްކޮޓަރީގެ ވިލާއެއްގެ އަގު އުޅެނީ ރެއަކަށް 2،626 ޑޮލަރަށެވެ. އަދި ދެ ކޮޓަރީގެ ވިލާތަކުގެ އަގު އުޅެނީ ރެއަކަށް 5،332 ޑޮލަރަށެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ތެރެއިން އެންމެ ބޮޑު އައުޓްޑޯ ފިލްމު ސްކްރީންވެސް ސޮނެވާ ފުށީގައި ހުންނަ އިރު، ތަފާތު އެކި އިތުރު ހިދުމަތްތައްވެސް އެ ރިސޯޓުން އަންނަނީ ފަތުރުވެރިންނަށް ތަޢާރަފް ކުރަމުން ނެވެ.
ސޮނެވާ އަކީ މުވައްޒަފުންގެ ކަންކަންވެސް ބަލައި، އިޖުތިމާޢީ ތަފާތު އެކި ގޮތްގޮތުން ރަށްރަށަށް އެހީވަމުން އަންނަ ރިސޯޓެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް