ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުންދާ މެލޭޝިއާއަށް އެތެރެވާއިރު ދައްކަން ޖެހޭ ކަރަންޓީން ފީ ބޮޑުކަމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ މެލޭޝިއާގައި ކިޔަވާ 50 ދަރިވަރަކު ސޮއިކޮށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށެވެ. ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ޕެޓިޝަންގައި ވަނީ ދިވެހި ދަރިވަރުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައި އެެވެ.
އެ ގައުމުގައި ތައުލީމް ހާސިލް ކުރަމުންދާ ދިވެހިން ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ ކުއްލިއަކަށް ކަރަންޓީން ފީ މެލޭޝިއާއިން ބޮޑުކޮށްފައިވާއިރު މިމަހުގެ 30 އަދި އަންނަ މަހުގެ އެ ވަނަ ދުވަހު މެލޭޝިއާއަށް ދިއުމަށް ގިނަ ދިވެހި ދަރިވަރުން ޓިކެޓު ނަގާފައިވާ ކަމަށެވެ. އެކަމަކު ޓިކެޓުގެ އިތުރުން އެހާ ބޮޑު ފީއެއް ދައްކަން ފަންޑު ހޯދުމަކީ މިވަގުތު ކުރަން ދަތިވެފައިވާ ކަމެއް ކަމަށެވެ.
ހަރަދުތައް ތަފްސީލްކޮށްދެމުން ބުނެފައިވަނީ މެލޭޝިއާއަށް ދިއުމަށް ޓިކެޓަށް 380-550 ޑޮލަރު ދައްކާފައިވާއިރު އޭގެ ރިފަންޑް ނުލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިން ޓިކެޓް ނަގާއި މާލެއަށް އައިސް ހުރުމުގެ ހަރަދުތައް ވެސް ހިންގަން ޖެހޭކަމަން ބުނެފައިވެ އެވެ.
ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ ގިނަ ދަރިވަރުން ކިޔެވުމުގެ ދެބައިކުޅަ އެއްބައި ފުރިހަމަކޮށްފައި ވާކަމަށާއި ކިޔެވުން މެދުކަނޑާލަން ޖެހުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ކޯވިޑާއި ގުޅިގެން ގައުމަށް އައިސް އެނބުރި މެލޭޝިއާއަށް ނުދެވި ގިނަ ދުވަސްވުމުން ބައެއް ކްލާސްތަކަށް ހާޒިރުވެވިފައި ނުވާތީ އެ ދަރިވަރުންނަށް ކުރިޔަށް ހުރި ކްލާސްތަކަށް ހާޒިރުވާން މަޖުބޫރުވެފައިވާ ކަމަށެވެ.
މެލޭޝިއާގައި ކަރަންޓީން ފީއަށް ގެނައި ބަދަލަށް އަމަލު ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ގަވައިދުގައި ބުނެފައިވާ ގޮތުން މިހާރު ބިދޭސީން އެގައުމަށް އެތެރެވާއިރު ކަރަންޓީން ފީގެ ގޮތުގައި 1،124 ޑޮލަރު ދައްކަން ޖެހެ އެވެ.
މީގެ ކުރިން އެ ގައުމުގައި ކޯވިޑާއި ގުޅިގެން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން މެލޭޝިއާއަށް އެތެރެވާ ހުރިހާ އެންމެން ކަރަންޓީން ފީގެ ގޮތުގައި ދައްކަން ޖެހެނީ 503 ޑޮލަރެވެ. އެކަމަކު އަލަށް ގެނައި ބަދަލާއި އެކު އެ ގައުމަށް އެތެރެވާ މީހުން އިތުރު 623 ޑޮލަރު ދައްކަން ޖެހެ އެވެ.
އިތުރަށް ދައްކަންޖެހޭ 623 ޑޮލަރު މެލޭޝިއާ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ސަބްސިޑީގެ ގޮތުގައި ދައްކައި ދޭއިރު އެ ގައުމަށް އެތެރެވާ ބިދޭސީން އެ ފައިސާ ދައްކަން ޖެހެނީ އަމިއްލަ އަށެވެ.
މިއީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތުގެ ހުރުމާއި ކެއުމުގެ އިންތިޒާމަށް ދައްކަން ޖެހޭ ފީއެކެވެ. މި ހުރިހާ އިންތިޒާމެއް ހަމަޖައްސަނީ މެލޭޝިއާ ސަރުކާރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް