މާލޭ ސްކޫލްތަކުގައި ކީސްޓޭޖް 4 އަދި 5 ގެ ކިޔެވުން އަންނަ މަހު ފަށަނީ

މާލޭ ސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 4 އަދި 5 ގެ ކިޔެވުން އަންނަ މަހު ފަށަން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ މަހު ހަތަރު ވަނަ ދުވަހު މާލޭ ސްކޫލްތަކުގައި ގްރޭޑް 9-12 އަށް ކިޔަވައ...

26 Sep 2020 | 07:30

މާލޭ ސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 4 އަދި 5 ގެ ކިޔެވުން އަންނަ މަހު ފަށަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ މަހު ހަތަރު ވަނަ ދުވަހު މާލޭ ސްކޫލްތަކުގައި ގްރޭޑް 9-12 އަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އެއީ ކީ ސްޓޭޖް 4 އާއި 5 ކެވެ.

އަލުން އެ ގްރޭޑްތަކަށް ކިޔަވައިދޭން ފަށަން ނިންމީ މާލޭގެ ކޯވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ބަންދުކޮށްފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން އަލުން ހުޅުވީ ޖުލައި އެއްވަނަ ދުވަހު އެވެ.

އޭރުވެސް މާލޭގައި ކިޔަވައިދޭން ފެށީ ކީ ސްޓޭޖް 4 އަދި 5 ކަށެވެ. އެކަމަކު ފަހުން މާލޭ ސިޓީގެ ހުރިހާ ސްކޫލެއްގައި ކިޔަވައި ދިނުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައިދޭން ފެށީ މާލޭގެ ކޯވިޑްގެ ހާލަތު އަލުން ގޯސްވެ ޕޮސިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާން ފެށުމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްކުގައި ވަނީ ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން ސްކޫލަށް ކުދިން ވަންނަ އިރު މާސްކު އެޅުމާއި، އަތް ދޮވުމުގެ އިތުރުން ފިނިހޫނުމިން ކޮންމެ ދުވަހަކު ބަލަ އެވެ.

އަދި ހަފްތާ އަކު ހަތަރު ދުވަހު ސްކޫލްތަކުގައި ކިޔަވައިދެނީ ހަތަރު ގަޑި އިރެވެ. ސްކޫލްގައި ދަރިވަރުން އުޅޭއިރު އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް