މެލޭޝިއާއަށް ދާ ބިދޭސީންގެ ކަރަންޓީން ފީގެ ގޮތުގައި1،124 ޑޮލަރު (17،317 ރުފިޔާ) ދައްކަން ޖެހޭގޮތަށް އެ ގައުމުގައި ކޯވިޑް-19 އާއި ގުޅިގެން އަމަލު ކުރަމުންދާ އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.
މީގެ ކުރިން އެ ގައުމުގައި ކޯވިޑާއި ގުޅިގެން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން މެލޭޝިއާއަށް އެތެރެވާ ހުރިހާ އެންމެން ކަރަންޓީން ފީގެ ގޮތުގައި ދައްކަން ޖެހެނީ 503 ޑޮލަރެވެ. އެކަމަކު އަލަށް ގެނައި ބަދަލާއި އެކު އެ ގައުމަށް އެތެރެވާ މީހުން އިތުރު 623 ޑޮލަރު ދައްކަން ޖެހެ އެވެ.
އިތުރަށް ދައްކަންޖެހޭ 623 ޑޮލަރު މެލޭޝިއާ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ސަބްސިޑީގެ ގޮތުގައި ދައްކައި ދޭއިރު އެ ގައުމަށް އެތެރެވާ ބިދޭސީން އެ ފައިސާ ދައްކަން ޖެހެނީ އަމިއްލަ އަށެވެ.
މިއީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތުގެ ހުރުމާއި ކެއުމުގެ އިންތިޒާމަށް ދައްކަން ޖެހޭ ފީއެކެވެ. މި ހުރިހާ އިންތިޒާމެއް ހަމަޖައްސަނީ މެލޭޝިއާ ސަރުކާރުންނެވެ.
މި ގަވައިދަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ބިދޭސީ ދަރިވަރުން ކިޔަވާ ގައުމެކެވެ. ކޯވިޑާއި ގުޅިގެން މެލޭޝިއާ ލޮކްޑައުން ކުރުމުން ގިނަ އަދަދެއްގެ ދަރިވަރުން އެނބުރި ގައުމަށް ދިއުމަށް ފަހު ކޮލެޖު ޔުނިވާސިޓީތައް ހުޅުވުމުން މެލޭޝިއާއަށް ދަނީ ދަމުންނެވެ.
މިހާތަނަށް މެލޭޝިއާއިން 10،687 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އަދި 133 މީހަކު ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް