ުސުޝާންތުގެ މަރުގެ ތަހުގީގުގެ އަޑު މަޑުވުމުން އާއިލާ ހިތްހަމަ ނުޖެހިފައި

އަމިއްލައަށް މަރުވި ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުގެ ތަހުގީގުގެ އަޑު މީޑިއާގައި ފަނޑުވެފައިވާތީ އާއިލާއިން ކަންބޮޑުވެއްޖެ އެވެ. ސުޝާންތު އަމިއްލައަށް ދަންޖެހުނީ ބަޔަކު ކައިރީގައި ތި...

26 Sep 2020 | 03:42

އަމިއްލައަށް މަރުވި ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުގެ ތަހުގީގުގެ އަޑު މީޑިއާގައި ފަނޑުވެފައިވާތީ އާއިލާއިން ކަންބޮޑުވެއްޖެ އެވެ.

ސުޝާންތު އަމިއްލައަށް ދަންޖެހުނީ ބަޔަކު ކައިރީގައި ތިބެ މަޖުބޫރު ކޮށްގެން ކަމަށް ބުނެ އާއިލާއިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި އެވެ. އަދި އެ މައްސަލައިގަ އާއިލާއިން އެދިފައިވަނީ ސުޝާންތުގެ އެންމެ ފަހުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ހައްޔަރުކޮށްގެން ތަހުގީގު ކުރުމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ރިއާ އާއި ގުޅޭ ތަހުގީގު ކުރަމުން ދަނިކޮށް ސުޝާންތަށް ރިއާ މަސްތުވާތަކެތި ދީފައިވާކަން ފަޅާއެރި ހިސާބުން މުޅި މައްސަލައިގެ މިސްރާބު ވަނީ ބަދަލުވެފައި އެވެ. އެގޮތުން މިހާރު ބޮލީވުޑްގެ އެތައް ތަރިންނެއް މަސްތުވާތަކެތި ބޭނުން ކުރާކަން ފަޅާ އަރައި އެ މައްސަލަތައް ވަކި ވަކިން ތަހުގީގު ކުރަން ފެށުމުން ސުޝާންތުގެ މަރުގެ ވާހަކަ މީޑިއާގައި ދެއްކުން ވަނީ މަދުވެފައި އެވެ.

މިކަމާއި ގުޅިގެން އާއިލާގެ ގާނޫނީ ވަކީލު ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ މުމްބާއީ ސުޝާންތުގެ މައްސަލަގެ ތަހުގީގުގެ ބަދަލުގައި ފުލުހުންގެ އިސްކަން ދެމުން ދަނީ މަސްތުވާތަކެތީގެ މައްސަލައަށް ކަމަށެވެ. އެކަމަކު ސުޝާންތު މައްސަލައިގެ ތަހުގީގު މަސްތުވާތަކެތީގެ މައްސަލައަށްވުރެ އިސްކަން ދޭން ޖެހޭ ކަން ފާހަގަކޮށް ސަބަބު ބަޔާން ކޮށްދިނެވެ.

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ފޮރެންސިކް ތަހުލީލު ކުރާ ޑޮކްޓަރަކާއި ހަވާލާދީ ވަކީލު ބުނީ ސުޝާންތު މަރުވެފައިވަނީ އަމިއްލައަށް ނޫންކަމަށް އެ އިންސްޓިޓިއުޓްގެ ތަހުގީގު ޓީމަށް ގަބޫލު ކުރެވޭ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު މިވާހަކަތައް ފަހުން އެ ތަނުން ދޮގު ކުރުމަކީ ސުޝާންތުގެ މަރުގެ މައްސަލަ އަވަހަށް ތަހުގީގު ކުރަން ޖެހޭ ސަބަބެއް ކަމަށް ބުންޏެވެ.

އަދި އެ ތަނުން ހެދި ފޮރެންސިކް ތަހުލީލުތަކުގެ ރިޕޯޓު އާންމު ކުރަން ޖެހޭ ކަމަށް ވަކީލު ބުންޏެވެ.

ބޮލީވުޑާއި ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައިގަ މިހާތަނަށް ތުހުމަތު ކުރެވިފައިވާ މަޝްހޫރު ތަރިންގެ ތެރޭޣައި ދިޕިކާ ޕަދުކޯން، ރަކުލް ޕްރީތް ސިންގް، ސާރާ އަލީ ހާން އަދި ޝްރައްދާ ކަޕޫރު ހިމެނެ އެވެ. މި މީހުންގެ އެކުވެގެން މަސްތުވާތަކެއްޗާއި ގުޅުން ހުރި ވާހަކަދައްކަން ވަޓްސްއެޕް ގްރޫޕެއް ހިންގާކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް