ޗައިނާގެ އެއްބަސްވުންތަކަށް އިހުތިރާމް ކުރާނެ ކަމަށް އުންމީދު ކުރަން

ޗައިނާ ސަރުކާރާއި އެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި އިހުތިރާމް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކ...

26 Sep 2018 | 07:59

ޗައިނާ ސަރުކާރާއި އެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި އިހުތިރާމް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއާންގް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި ޝުއާންގް ވިދާޅުވެފައިވަނީ މި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުންތަކަށް އާ ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ހާއްސަކޮށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެގޮތުން އެ އެއްބަސްވުމާއި އެއްގޮތަށް  ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމެންޓް ފުރިހަމައަށް ތަންފީޒު ކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ކުރާ އިންވެސްޓްމެންޓްތައް ފުޅާކުރުމަށް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން ދަމަހައްޓައި އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިބޫގެ ސަރުކާރާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ޝުއާންގް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް