މަޝްހޫރު ޓީވީ ޝޯ "ކޮފީ ވިތް ކަރަން" ގެ ސީޒަން 6 ފަށަން ތައްޔާރު ވެއްޖެ އެވެ.
ޑައިރެކްޓަރު ކަރަން ޖޯހަރު ހުށަހަޅާ ދޭ މި ޝޯ ސްޓާ ޕްލަސް އިން ދައްކަން ފަށާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ. މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ ތަރިންނާއި ގުޅޭގޮތުން މިހާރު އިންޑިއާ މީޑިއާގައި ބަހުސްތައް ފެށިފައިވާއިރު ފުރަތަމަ އެޕިސޯޑުގެ ތަރިން ވަނީ ހާމަވެފަ އެވެ.
ފުރަތަމަ އެޕިސޯޑުގައި މެހުމާނުންގެ ގޮތުގައި ފެނިގެންދާނީ ބޮލީވުޑްގެ ދެ ތަރިން އަދި އެއްބަފާ ދެބެއިން ކަމަށްވާ އަރްޖުން ކަޕޫރާއި ޖާންވީ ކަޕޫރެވެ. އެ ޝޯ އުފެއްދުމުގައި މަސައްކަތް ކުރާ މީހަކު މީޑިއާގައި ބުނެފައިވަނީ ފުރަތަމަ އެޕިސޯޑުގައި އެ ދެމީހުންގެ ދިރިއުޅުމާއި އާއިލީ ގުޅުމާއި ގުޅޭ ވަރަށް ގިނަ ސިއްރު މައުލޫމާތުތައް އެނގިގެންދާނެ ކަމަށެވެ.
"2 ސްޓޭޓް" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ އަރްޖުން ކަޕޫރާއި މިދިޔަ މަހު "ދަޑަކް" އިން ބޮލީވުޑަށް ތައާރަފު ވި ޖާންވީ ކަޕޫރަކީ ޑައިރެކްޓަރު ބޯނީ ކަޕޫރުގެ ދެ ދަރިންނެވެ. އަރުޖުން އަކީ އޭނާގެ ފުރަތަމަ އަނބިމީހާއަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ޖާންވީ އަކީ އޭގެ ފަހުން ޝްރީދޭވީ އާއި ކައިވެނިކޮށްގެން ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބޯނީގެ ދަރިންގެ މެދުގައި އޮތް ގުޅުން ގާތްވެ އެކުގައި އުޅެން ފެށީ ކުއްލި ގޮތަކަށް ޝްރީދޭވީ މަރުވި ފަހުންނެވެ.
"ކޮފީ ވިތް ކަރަން" އަކީ މަޝްހޫރު ފަރާތްތަކާއި ގުޅޭގޮތުން މައުލޫމާތު ގެނެސްދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ކަރަން ކުރާ ތަރިންގެ ޒާތީ ކަންކަމާއި ގުޅޭ ސުވާލުތަކުގެ ސަބަބުން ބައެއް ފަހުން ރުޅިވެސް އާދެ އެވެ. އެގޮތުން މަޝްހޫރު ބަތަލް ރަންބީރު ކަޕޫރު ވަނީ "ކޮފީ ވިތް ކަރަން" އަށް ދެން މަހުމާނެއްގެ ގޮތުގައި ދިއުމަކީ ކުރަން ބޭނުން ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
އެ ޝޯގެ ފުރަތަމަ ސީޒަން ދެއްކީ 2004 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް