އޭޝިޔާ ޕެސިފިކް ރީޖަންގެ ސްކޫލްތައް ސުނާމީ ކާރިސާއަށް ހޭލުންތެރިކުރުވައި، ވިލުންވެރިކުރުމުގެ ޕްރޮޖެކްޓެއް ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފިއެވެ.
"އޭޝިއާ ފެސިފިކް ރީޖަނަލް ސްކޫލް ސުނާމީ ޑްރިލް ޕްރޮޖެކްޓް" ނަމުގައި މި ޕްރޮޖެކްޓުގެ ޓްރެއިން ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ޓްރެއިނިންތައް ކުރިއަށް ގެންގޮސްފައިވަނީ އެ ތައުލީމީ މަރުކަޒުގެ ގްރޭޑު 6 އިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނާ، އެ ސުކޫލުގެ ހުރިހާ މުވައްޒަފުންނާ، ބެލެނިވެރިނާއި ގއ. ވިލިގިލީގެ ކަމާގުޅުންހުރި މުއައްސަސާތަކަށް އަމާޒުކޮށްގެނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާގޮތުގައި ސުނާމީ އިވެކުއޭޝަން ޑްރިލް އަށް ތައްޔާރުވުމުގެ ގޮތުން ސުނާމީ އަށް އަހުލުވެރިކުރުމުގެ ސެޝަންތަކާއި، ރަށުގެ ރިސްކް ޕްރޮފައިލް، މުވައްސަސާތަކުގެ އަދި ސްކޫލް މުވައްޒަފުންގެ ދައުރާއި ޒިއްމާ، ސެކިއުރިޓީ ބެލެހެއްޓުން، ހިނގާފާނެ އަލިފާނުގެ ހާދިސާ ތަކަށް އަހުލުވެރިކުރުވުމުގެ ސެޝަން، ފުރަތަމައެހީ އަދި ސައިކޮސޯޝަލް އެހީ ދޭނެގޮތްތަކަށްއަހުލުވެރި ކުރުވައި، "ސްކޫލް އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭން" (އެސް.އީ.އޯޕީ) އަށް އަހުލުވެރިކުރުވައި އަދި ޓޭބަލް ޓޮޕް ޑްރިލް އެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޓްރޭނިންތަކަށްފަހު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެ ސްކޫލުގައި ވަނީ ސުނާމީ އިވެކުއޭޝަން ޑްރިލް އެއް ކުރިއަށް ގެންގޮސްފައެވެ. މި ޑްރިލްގައި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ރައްކާތެރި ސަރަހައްދު ތަކަށް އިވެކުއޭޓް ކުރާނެގޮތް ދަސްކޮށްފައިވާކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާގޮތުގައި މި ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުން ފަންޑުކޮށްގެން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓު ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ދުނިޔޭގެ 18 ގައުމެއްގެ 90 ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ފަސް ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ގއ. އަތޮޅު ތައުލީމީ މަރުކަޒަކީ މި ޕްރޮޖެކްޓް ހިންގި ރާއްޖޭގެ ފުރަތަމަ ސްކޫލެވެ. ޓްރެއިނިން ސެޝަންތައް ކުރިއަށް ގެންދަނީ، ޔޫއެންޑީޕީއާ، މޯލްޑިވިއަން ރެޑްކްރެސެންޓާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ގުޅިގެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް