ކޯވިޑް-19 އަށް އާންމުން ހޭލުންތެރިކަން އިތުރު ކުރުވުމަށް ރާއްޖޭގެ މީޑިއާއިން ހާއްސަ ކެމްޕެއިނެއް ފަށަން ނިންމައިފި އެވެ.
މި ކެމްޕެއިނާއި ގުޅޭގޮތުން މިއަދު އެޗްއީއޯސީގެ އިސް ބޭފުޅުންނާއި ހުރިހާ މީޑިއާއެއްގެ ބޭފުޅުން ބައިވެރިވެފައިވެ އެވެ. މި ކެމްޕެއިން ކުރިޔަށް ގެންދަނީ ދެ ފަރާތް ގުޅިގެން އެކުލަވާލާ ސްޓިއަރިން ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ބުނެފައިވަނީ ކެމްޕެއިނެއް ކުރިޔަށް ގެންދަން ނިންމީ، ރާއްޖޭގެ ކޯވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަ ކޮށް އެ މަގަށް މަސައްކަތް ކުރުމަށެވެ.
އެގޮތުން ކޯވިޑާ ގުޅޭ ހަބަރާ މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެ އާ އާންމު ހާލަތުގައި ލުއި ދިން ބައެއް ކަންކަމަށް ބަދަލު ގެނެސް ފުރިހަމަ ލޮކްޑައުނަކަށް މާލެ ސަރަހައްދު ދާން ޖެހިދާނެ ކަމުގެ އިންޒާރު އެޗްއީއޯސީން ވަނީ ދީފައި އެވެ.
މިހާތަނަށް ރާއްޖެއިން 7،225 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ބަލީގައި 28 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް