ށ. ޅައިމަގުން ބިދޭސީ އަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝް ފިރިހެނެކެވެ.
އެމީހާ މާލެއިން އެ ރަށަށް ގެންދިޔައީ ކަމާ ބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނުހޯދައި އެ ރަށުގައި ދުއްވާ "ކުރިމަގު 1" ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި އެވެ. އެމީހާ އެ ރަށުގައި ކަރަންޓީން ކުރީ ޅައިމަގު ކައުންސިލާއި ޓާސްކް ފޯސްގެ އިސްނެގުމަށް ކަމަށް އެ ރަށު ކައުންސިލުން "ދުވަސް" އަށް މައުލުމާތު ދީފައިވެ އެވެ.
އެމީހާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު ޓެސްޓު ކުރުމުންނެވެ. އެމީހާ ގަވައިދާ ހިލާފަށް އެ ރަށަށް ގެންދިޔަ މައްސަލަ ޅައިމަގު ކައުންސިލުން ވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަަހަޅާފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ފަހު ފަހުން އަމަލު ކުރަން ފެށި ގަވައިދުގެ ދަށުން އަތޮޅު ތެރެއިން މާލެއަށް މީހުން އަންނަން ހުންދަ ނަގާކަށް ނުޖެހެ އެވެ. އެކަމަކު މާލެ އިން އަތޮޅުތެރޭގެ ރަށްރަށަށް ދިއުމަށް ޖެންޑާ މިނިސްޓްރީގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ޖެހެ އެވެ.
ޅައިމަގާއި އެކު އަތޮޅު ތެރޭގެ 33 ރަށަކުން ކޯވިޑަށް މީހުން ޕޮސިޓިވްވެފައިވެއެވެ. އަދި 10 ރިސޯޓަކުން ނުވަ ޓޫރިސްޓުންނާއި 23 މުވައްޒަފަކު ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް