ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޯވިޑް-19 އަށް ޕޮސިޓިވް ވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމަށް ބެލެވޭ މީހަކު ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ގައްސާން މައުމޫނަށް ގުޅައި ދެއްކެވި ވާހަކަތައް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.
ޖާބިރު ގައްސާނަށް ކުރެއްވި ކަމަށް ބުނޭ މި ކޯލް ޓުވީޓާގައި އާންމު ކުރެއްވީ ގައްސާން އެވެ. އޭގައި ޖާބިރު ކަމަށް ބެލެވޭ މީހާ ވިދާޅުވެފައިވަނީ މައުމޫނަށް ކޯވިޑް ޖެހުމުން ހިތާމަ ކުރައްވާ ކަމަށާއި ވަޅުލުމުގެ ކުރިން ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދޭން ވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން ޖާބިރަށް އަމާޒުވަމުން ދަނިކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގައްސާން އަށް ގުޅުއްވާ ޖާބިރު ކަމަށް ބެލެވޭ މީހާ ދެއްކެވި ލާއިންސާނީ ހަޑި ހުތުރު ވާހަކަތައް އެ ކޯލިޝަނުން ކުށްވެރި ކުރާ ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި ވަނީ ރައީސް މައުމޫނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދިފައި އެވެ. އަދި ގައްސާން އާއި އާއިލާ ކެތްތެރިކަން އިސްކުރުމަށް އެދިފައިވެ އެވެ.
މައުމޫނަށް ކޯވިޑް ޖެހިވަޑައިގެންފައިވާކަން ހާމަ ކުރެއްވީ ރޭގެ ވަގުތެއްގައި އެވެ. އެމަނިކުފާނަށް މިހާރު ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް