ކޯވިޑްގެ ނުރައްކާތެރިކަން ބޮޑީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ކޮން ބަޔަކަށް؟

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ހާއްސަކޮށް މާލޭ ސިޓީގައި ހަލުވިކަމާއި ދަނީ ފެތުރެމުންނެވެ. އެޗްއީއޯސީގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އާންމުން ދިރިއުޅޭ މާލޭގެ ހުރިހާ ހިސާބެ...

26 Aug 2020 | 03:16

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ހާއްސަކޮށް މާލޭ ސިޓީގައި ހަލުވިކަމާއި ދަނީ ފެތުރެމުންނެވެ.

އެޗްއީއޯސީގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އާންމުން ދިރިއުޅޭ މާލޭގެ ހުރިހާ ހިސާބެއްގައި ކޯވިޑް ވަނީ ފެތުރިފައި އެވެ. އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުން ދަނީ މާފަންނުގައި އެވެ.

ބައްޔަކީ ފަރުވާ އެއް މިހާތަނަށް ހޯދިފައި ނުވާ ބައްޔަކަށް ވުމުން ސިއްހީ ތަޖުރިބާކާރުން ބާރުއަޅަމުން ދަނީ ބަލި ފެތުރުނު ކަމުގައި ވިޔަސް ނުރައްކާތެރި ހާލަތަށް ހިނގައިދާނެ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އާދޭހާއި އެކު ދަނީ އެދެމުންނެވެ.

ކޯވިޑް-19 ރާއްޖޭގައި އާންމުކޮށް ޖެހެނީ ޒުވާން އުމުރުފުރައިގެ މީހުންނަށް ކަމަށްވިޔަސް އެމީހުންގެ ފަރާތުން ބަލި ޖެހޭ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ހާއްސަކޮށް ކޯވިޑާއި ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމުން އެފަދަ މީހުންނަށް ބަލި ޖެހުން ވަނީ އިތުރުވެފައި އެވެ.

ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ގެ ފަރާޓުން ވާހަކަދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ބައެއް ބަލިތައް ޖެހިފައިވާ މީހުންނަށް ކޯވިޑް ޖެހުމުން ނުރައްކާތެރިކަން އިތުރުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެ ބަލިތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ހަކުރު ބަލި، ހިތުގެ ބަލި، ކިޑްނީގެ ބަލިތައް އަދި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ދިފާއީ ނިޒާމުގެ ބަލިތަކެވެ.

ޑރ. ޝަހީދު ވިދާޅުވީ މި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކޯވިޑް ޖެހުމުން ސީރިއަސް ހާލަތަކަށް ގެންދާލެއް އަވަސް ކަމަށެވެ. އަދި ދެވޭނެ ވަކި ފަރުވާއެއް ނެތުމުން އެފަދަ މީހުންގެ ފުރާނައަށް ނުރައްކާވެ މަރުވުން އަވަސް ކަމަށެވެ.

ކޯވިޑް ޖެހުމުން މީހާގެ ދިފާއީ ނިޒާމުގެ ބާރުކަނޑުވާލައެވެ. ރާއްޖެއިން ބަލި ޖެހޭ މީހުންގެ ބޮޑު ޕަސެންޓަކީ ޒުވާނުންނަށްވެފައި އެމީހުންގެ ދިފާއީ ނިޒާމުގެ ބާރު ގަދަވުމުން ބަލީގެ އަސަރު ކުރާލެއް ވަރަށް ކުޑައެވެ.

އާންމުކޮށް ރާއްޖެއިން ބަލި ޖެހޭ މީހުންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކަރުގައި ރިއްސުމާއި ހުން އައިސް ރޯގާ ޖެހުން ހިމެނެއެވެ.

ކޯވިޑް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެނީ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ މީހުންނަށެވެ. މާލޭގެ ކޯވިޑް ފެސިލިޓީތަކުގައި މިހާރުވެސް މިފަދަ 173 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 10 އަކަށްވުރެ ގިނަ މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އަށް މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި އެވެ.

އެހެންވެ އެޗްއީއޯސީން އަބަދުވެސް އިލްތިމާސް ކުރަމުން ދަނީ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ފަދަ މީހުންނަށް ބަލި ނުޖެހޭނެ ގޮތަކަށް އާންމުކޮށް ބޭރަށް ނުކުމެ އުޅޭ މީހުންގެ އަމަލުތައް ބެހެއްޓުމަށެވެ. އެގޮތުން ބޭރުން ގޮސް ގެއަށް ވަނުމަށް ފަހު ސާފުތާރިރުވެ އަތް ދިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް