ކޯވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތު ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ މި މުނާސަބަތާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިނިވަން ދުވަސް މި އަހަރު އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު، ކޯވިޑް-19ގެ ސަބަބުން އަޅުގަނޑުމެން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައި ކަމަށެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން ދެކެން ޖެހޭ ކަމަށާއި މިއަދު މި ބަލީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ މިނިވަން ކަމަށް މިވަނީ ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތި ލާންޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މި ކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަ ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމާއި ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ޢަމަލު ކޮށްގެން ކަމާއި އަދި އެހެންކަމުން، އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަން ޖެހޭކަން އެމްއާރުއެމް އިން ފާހަގަކޮށްފައިވެއެވެ.
"މީގެ އިތުރުން، ކޯވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމުގައި ދެކެމެވެ. މިނިވަންދުވަސް އައި އިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށް ދަތުރުކުރެވޭނެ ޙާލަތާއި ގޮތް ނެތިފައި އެކަމުގެ ދަތިތަކާއި ކުރިމަލާން ޖެހިފައެވެ. މިޙާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު ކަމުގައި ދެކެމެވެ." އެމްއާރުއެމްއިން ބުނެފައިވެއެވެ.
މިނިވަންދުވަހާއި ގުޅުވައި، އެމްއާރުއެމްގެ ނޫސްބަޔާނުގައި ބުނެފައިވަނީ މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބަޔެއްގެ ބޮޑެތި ޤުރުބާނީތަކަކާއި ޙައްޤުތައް ޝާމިލުވާ ކަމެއްކަމުން، މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް ކަމަށާއި ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މައްސޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ކޮނޑުގައި ކަމަށެވެ. ހަމައެހެންމެ، އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަން ޖެހޭ ކަމަށާއި އެއީ އެކަންކުރުމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ އިން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީކަން އެމްއާރުއެމްއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް