ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭނެ ބައެއް ނޫން: ހޯމް މިނިސްޓަރު އިމްރާން

ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދު...

26 Jul 2020 | 10:03

ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޢާއްމުކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ. ވީޑިއޯ މެސެޖްގައި މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެން ދިވެހިންގެ ތާރީޚަށް ބަލާއިރު ގިނަ ޒަމާންތައް އަޅުގަނޑުމެން ހޭދަކޮށްފައިވަނީ މިނިވަންކަން މަތީގައިކަމަށެވެ. އިންސާނުންގެ އުފާފާގަތިކަމާއި، އަބުރުވެރިކަމާއި، ހިތްހަމަޖެހުން ބިނާވެފައިވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށްކަމަށް އެމަނިކުފާން ވިދާޅުވިއެވެ. މިނިވަންކަމަކީ އިންސާނުންނަށް މާތްﷲ ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެއްކަމަށާއި، މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަންކުރެވެނީ މިނިވަންކަން ގެއްލިގެންދިއުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދުގެ ހާލަތަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަހަރުގެ މިނިވަންދުވަސް އަޅުގަނޑުމެންނާ ބައްދަލުމިކުރީ ގޭބަންދާއި، ރަށުބަންދާއި، ތަފާތު އެކިއެކި ބަންދުތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުޞާސް ކުރެވެމުންދާ ދަނޑިވަޅެއްގައިމަށެވެ. މިފަދަ ހާލަތްތަކުގައި އިޤްޠިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރިމަތިވާ ބޮޑަތި ދަތިތައްވެސް އަޅުގަނޑުމެން މިއަދު ތަހައްމަލުކުރަމުންކަންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު އެދެނީ އަޅުވެތިކަމާ ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެ މަތިން ހަނދުމަކޮށް ކޯވިޑް19 ގެ ދަތިހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާން ވަނީ ފޮނުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް