ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ހއ. އިހަވަންދޫ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ތަރައްގީ ކުރި ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި އެވެ.
ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ފެސިލިޓީތައް ހުޅުވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ހެލްތް މިނިސްޓްރީން ބުނީ ރޭ ހުޅުވި ތިން ރަށުގެ ކޮންމެ ފެސިލިޓީއެއްގައި 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެ ކަމަށެވެ. އަދި ބަލީގައި ޙާލުބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައް ވަނީ ގާއިމުކުރެވިފައި ވެއެވެ.
މި ތަންތަނުގައި ކޯވިޑަށް ޓެސްޓު ހެދުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑަށް ފަރުވާދޭ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ގާތްވެފައިވާއިރު ރޭ ހުޅުވި ތިން ފެސިިލިޓީގެ އިތުރުން ހަތަރު ފެސިލިޓީއެއް މީގެ ކުރިން ވަނީ ހުޅުވާފައި އެވެ. އެއީ ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން އަދި ގއ. ވިލިނގިލީގައި ތަރައްގީކޮށްފައިވާ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ އެވެ.
ރޭގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން އެ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ އިތުރުން ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް