ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާ ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.
ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓު އިނާ މޯލްޑިވްސް އިން ބުނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ދުވަހު އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރާނެ ކަމަށެވެ.
އެ އެއާލައިނުން ވަނީ 15 ދުވަހު ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ޓިކެޓު މިހާރު ވިއްކަން ފަށާފައި އެވެ. އެ ދަތުރުގެ ޓިކެޓު އޮންލައިންކޮށާއި އިނާ މޯލްޑިވްސްގެ ޓިކެޓު އޮފީހުން ގަނެވޭނެ އެވެ.
ރާއްޖެއިން ގިނަ ބަޔަކު ލަންކާ ފިޔަވާ އެހެން ގައުމުތަކަށްވެސް ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ދަތުރު ކުރެ އެވެ. އިނާ މޯލްޑިވްސް އިން ބުނީ އެހެން ގައުމުތަކުގެ ބޯޑަރު ހުޅުވާ ވަރަކުން ރާއްޖެއަށް ސްރީލަންކަން އެއާލައިންސްއިން ކުރާ ދަތުރުތަކުގެ އަދަދު އިތުރު ކުރާނެ ކަމަށެވެ.
ސްރީލަންކަންގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުޅުވާއިރަށް ދަތުރު ފަށަން ނުވަ އެއާލައިނަކުން ސްލޮޓަށް އެދިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ. އެ ކުންފުނިން ބުނީ ނިއު ނޯމަލްގައި ވީއައީގެ އޮޕަރޭޝަންސްތައް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެނިމިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް