އާސަންދަ އާއި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ދުރުތާ ފަރުވާގެ ހިދުމަތް ފަށައިފި

އާސަންދައާއި ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާ (ޓެލެ ކޮންސަލްޓޭޝަން) ގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފެށުމުގެ މަޤްޞަދަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށ...

26 May 2020 | 14:26

އާސަންދައާއި ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާ (ޓެލެ ކޮންސަލްޓޭޝަން) ގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފެށުމުގެ މަޤްޞަދަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ބަލިމީހުން މި ހާލަތުގެ ގޮތުން ރާއްޖެއިން ނުފޮނުވޭތީ، މި ޙާލަތު ބަދަލުވަންދެން، އެފަދަ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް، ހޮސްޕިޓަލުގައި އެ ކަމަށް ޤާއިމުކުރެވިފައިވާ ޚާއްޞަ ނިޒާމު މެދުވެރިކޮށް، އެ ފަރާތްތަކުގެ ބައްޔާ ގުޅުން ހުރި ބޭރުގެ ޚާއްޞަ ޑޮކްޓަރުންގެ ލަފާ ވީޑިޔޯ މެދުވެރިކޮށް ހޯދައި އެ ލަފާގެ މަތިން ފަރުވާ ކުރިއަށް ގެންދިއުން ކަމުގައި އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނެފައިވާގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް ހަފުތާގެ ފަސް ދުވަހު ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. ކުޑަކުދިންގެ ޚާއްޞަ ބަލިތައް، ހިތުފަރުވާ، ޓިއުމަރު ފަރުވާ (އޮންކޮލޮޖީ)، ބޮލާއި ކަރުގެ ސާޖަރީ، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ފަދަ، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާން އާސަންދައިން ހުއްދަކޮށްފައިވާ، އެހެންނަމަވެސް މި ޙާލަތުގައި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ފޮނުވެން ނެތް ބަލި މީހުންގެ ބަލިތަކާ ގުޅުން ހުރި ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ދުރުތާ ބެލުން މެދުވެރިކޮށް އާސަންދަ ސްކީމްގެ ޚަރަދުގައި ހުޅުމާލެ ހޮސްޕިޓަލުން ފޯރުވައި ދެވޭނެއެވެ.

ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، އާސަންދައާއެކު ޖާމިނުވެފައިވާ އެހެން ހޮސްޕިޓަލުތަކާ ވެސް ގުޅިގެން ދުރުތާފަރުވާގެ ޚިދުމަތް ކުރިއަށް ގެންދަން ކުންފުނިން ވަނީ ނިންމައިފައި ކަމަށާއި އަދި އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކުގައި ވެސް މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަން ނިންމައިފައިވާކަމަށްވެސް އާސަންދައިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް