ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުކުރަން ޕީޕީއެމް އަދި ޕީއެންސީން ނިންމާފައިނުވާނެ ކަމަށް ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ތާއީދު ކުރަން ޕީޕީއެމް/ޕީއެންސީން ނިންމާފައެއް ނޯންނާނެ" އަދުރޭ ވިދާޅުވެފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީގެ މަސައްކަތަކީ މި ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުމާއި ރައީސް ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުން ކަމަށެވެ. އަދި އެއީ ގައުމާ ރައްޔިތުންގެ ހައްގުގައިކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ބައިބައިވެފައިވާ މި ހާލަތުގައި ދެން އޮތީ ދެގޮތެއް ކަމަށެވެ. އެއީ ދައުރުގެ މެދުތެރޭން އިންތިހާބެއް ބޭއްވުން ނުވަތަ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށެވެ.
އާދަމް ޝަރީފްގެ މި ޓްވީޓާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. އަދި ޕީއެންސީން ރައީސް ނަޝީދާއެކު ޑީލެއް ހެދީ ކަމުގައިވެސް ސޯޝަލް މީޑިއާގައި ކިޔާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް