ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބަދަލުގައި ހެދިދާނެ އިތުރު ގޮތްތަކެއް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފު އަނެއްކާވެސް ހުށަހަޅުއްވައިފި އެވެ.
އަންނަ މަހު ހަމަވާ މިހާރުގެ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާތީ މުއްދަތަށް އިންތިހާބު ނުބޭއްވިގެން ގާނޫނު އަސާސީ އިސްލާހު ކުރަން ސަރުކާރު ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އޮތީ ހުށަހަޅުއްވާފައި އެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ނުކޮށް ހަސަން ލަތީފު މީގެ ކުރިން ވަނީ ސަންސެޓް ގާނޫނެއް އުފެއްދެވުމަށް ބިލެއް ހުށަހަޅުއްވާފައި އެވެ.
އެ ބިލު ފާސްކޮށްގެން ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އޮތީ ލަފާ ދެއްވައިފަ އެވެ. އެކަމަކު މިއަދު އަނެއްކާވެސް ގާނޫނު އިސްލާހު ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ބައެއް މެންބަރުންގެ އަމާޒު ބަހައްޓަވާފައި ހުރީ ގާނޫނު އަސާސީ އިސްލާހު ނުކޮށް ވާނެ ގޮތެއް ހޯދުމެވެ.
އެގޮތުން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ނުވަ ކަމެއް ހިމެނޭގޮތަށް އިންތިގާލީ ގާނޫނެއް ފާސް ކުރަން ހަސަން ލަތީފު ހުށަހެޅުއްވި އެވެ. މި ހުށަހެޅުންތައް ހުށަހަޅުއްވަމުން މެންބަރު ހަސަން ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށާއި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން އަމަލު ކުރާނެ އިންތިގާލީ އުސޫލުތަކެއް މަޖިލީހަށް ކަނޑައެޅޭނެ ކަމަށް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެންނައިރު ގައުމު އެ ވަގުތަކު އޮތް ހާލަތަށް ރިޔާއަތް ކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރެއިން އެންމެ އަސާސީ އެއް ސިފައަކީ ފުރިހަމަ ގޮތެއްގައި ރައްޔިތުންގެ މެދުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ފުރުސަތު އޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ފުރުސަތު މިހާރު ނެތް ކަމަށާއި އެހެންކަމުން މިއީ ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނެ ހާލަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ހަސަން ލަތީފު ހުށަހެޅުއްވި އިންތިގާލީ ގާނޫނު ގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އާ ގާނޫނެއް ހަދާއިރު މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން މަގާމުތަކުގައި ދެމިތިބެން ބޭނުންވާ މީހުން ދެނެގަންނަން ޖެހެ އެވެ. އިންތިގާލީ މަރުހަލާގައި ކައުންސިލްތަކުން ކޮށްގެން ވާނެ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ކަނޑައެޅުން ހިމެނެ އެވެ.
ދައުލަތުގެ ފައިސާ އާއި މުދާ ބޭނުން ކުރެވޭނެ އުސޫލުތަކާއި ހަމަތައް ކަނޑައަޅައި އެކަން ކުރާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައެޅުމާއި އެކު ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަންތަނާއި އެއްޗިއްސާ މެދު މި މުއްދަތުގެ ތެރޭގައި އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުން ހިމެނެ އެވެ. މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން މަސައްކަތް ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއެއް އެކުލަވާލައި އެއަށް އަމަލު ކުރަން ލާޒިމް ކޮށްފައިވެ އެވެ. އަދި އެކަމެއް ތަންފީޒު ކުރުމުގެ ކުރިން ސަރުކާރުން ހުއްދަ ހޯދަން ޖެހޭ ކަންކަން ބަޔާންކޮށް އެކަންކަން އެގޮތަށް ކުރުން ލާޒިމް ކޮށްފައިވެ އެވެ.
އި ހުށަހެޅުމުގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކުގެ މަސައްކަތް ވިލަރެސް ކުރާނެ ހާއްސަ އިންތިޒާމެއް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލަން ޖެހެ އެވެ. ކައުންސިލަރުން ގާނޫނާ ހިލާފުވުމުން އަމަލު ކުރެވޭނެ ގޮތާއި އެޅޭނެ ފިޔަވަޅުތައް ބަޔާން ކުރަންޖެހެ އެވެ.
އަދި އިންތިހާބު ބޭއްވެންދެން ކައުންސިލްތަކުގައި ތިބޭނީ މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކޮށްފައިވާ ފަރާތްތައް ކަމުގައި ވިޔަސް އެ ފަރާތްތައް އިންތިހުބު ކުރި މުއްދަތު ހަމަވެފައިވާތީ އެ ފަރާތްތަކަކީ ކައުންސިލަރުންގެ ގޮތުގައި ނުބަލައި އެ ފަރާތްތަކަކީ ކައުންސިލަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި ގާނޫނަކުން ކަނޑައެޅުމަށް ހުށަހަޅާފައިވެ އެވެ.
ގާނޫނުން ކަނޑައަޅާ ގޮތަށް އަމަލު ކުރާނެ ކައުންސިލަރުން ނެތް ކައުންސިލްތަކަށް ވިލަރެސް ކުރާނެ ބައެއް އެލްޖީއޭއިން ކަނޑައަޅައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ހަސަން ލަތީފު ހުށަހަޅުއްވާފައިވެ އެވެ. އޭނާ ވިދާޅުވީ އެ ނުވަ ނުކުތާ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް