ކޯވިޑް-19 އާއި ގުޅިގެން އާންމު ހާލަތުގައި އޮތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ޔޫތް މިނިސްޓްރީން ދީފި އެވެ.
އެމިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަށްރަށުގައި ކުޅިވަރުތައް ކުޅުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ތެރެއިން މަނާކޮށްފައިވާ ކަމަށެވެ. އެކަމަކު މިހާރު އެ ނިންމުންތަކަށް ކައުންސިލްތަކަށް ލުއިދީ ކުޅިވަރު ކުޅުމުގެ ހުއްދަ ދެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން މާގިނަ މީހުން އެއްނުވެ ކުޅިވަރު ކުޅުމަށް ހުއްދަ ދިނުމަށް ކައުންސިލްތަކަށް ޔޫތް މިނިސްޓްރީން އަންގާފައިވެ އެވެ. އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ އެޗްޕީއޭއިން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ޓެގުން ލަފާދީފައިވަނީ އާންމު ހާލަތުގައި އޮތް ރަށްތަކާއި މޮނިޓަރިންއިން ނެގިތާ14 ދުވަސްވެފައިވާ ރަށްރަށުގައި ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދިނުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ. އެކަމަކު ކޯވިޑާއި ގުޅިގެން ދިމާވެދާނެ ހާލަތަކުން ކޮންމެ ވަގުތެއްގައިވެސް މި ހުއްދަ އަނބުރާ ނަގަން ޖެހިދާނެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.
ކުޅިވަރު ކުޅުމުގެ ހުއްދައިގެ އިތުރުން އާންމު ހާލަތުގައި އޮތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ މިދިޔަ ހުކުރު ދުވަހު ވަނީ ދީފަ އެވެ. މީގެ އިތުރުން ފިޔަވަހިތަކަކަށް ބަހައިގެން ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް