މާލޭގައި ޒަކާތުގެ ގޮތުގައި ބޮލަކަށް ބެހީ 3،800 ރުފިޔާ

މާލޭ ސިޓީގައި މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް3،800 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ރޭ އާންމު ކުރި ހިސާބުތަކުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ ...

26 May 2020 | 08:22

މާލޭ ސިޓީގައި މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް3،800 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ރޭ އާންމު ކުރި ހިސާބުތަކުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ޒަކާތުގެ ގޮތުގައި އޮންލައިންކޮށް 6،649،697 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ ފައިސާ އީދު ދުވަހުގެ އީދު ނަމާދުގެ ކުރިން ބަހާ ނިންމާފައިވާ ކަމަށެވެ.

މީގެ ތެރެއިން ފަގީރުންގެ ދަފުތަރުގައި ތިބި މީހުންނަށް ބަހާފައިވަނީ 6،448،600،00 ރުފިޔާ އެވެ. ބާކީ 201،097 ރުފިޔާ ހަވާލުކޮށްފައިވަނީ ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ.

ފައިސާ ބެހި ގޮތާއި ގުޅޭގޮތުން ބުނެފައިވަނީ މާލޭގެ ފަގީރުންގެ ދަފުތަރުގައި ތިބީ 1،715 މީހުން ކަމަށެވެ. އޭގެ ތެރެއިން 1،697 މީހުންނަށް ފައިސާ ހަވާލު ކުރީ އެކައުންޓަށް ޖަމާކޮށްދީގެން ކަމަށާއި އަނެއް67 މީހުންނަށް ފައިސާ ހަވާލު ކުރީ މިނިސްޓްރީއަށް ގެންގޮސްގެން ކަމަށް ބުނެފައިވެ އެވެ.

މިިދިޔަ އަހަރު 5.6 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު މާލޭގައި ބޮލަކަށް 5،000 ރުފިޔާ ދީފައިވެ އެވެ. 2018 ވަނަ އަހަރު 4،453،108 ރުުފިޔާ ލިބުނު އިރު ބޮލަކަށް ބަހާފައިވަނީ 1،300 ރުފިޔާ އެވެ. އަދި 2017 ވަނަ އަހަރު ޒަކާތުގެ ގޮތުގައި 4،487،804 ރުފިޔާ ލިބުނު އިރު ބަހާފައިވަނީ ބޮލަކަށް1،250 ރުފިޔާ އެވެ.

މިއަހަރު މާލެއިން156740 މީހުން ފިތުރު ޒަކާތް ދައްކާފައިވެ އެވެ. މިއަހަރަކީ މި ވޭތުވެދިޔަ ތިން އަހަރާއި އަޅާ ބަލާއިރު އެންމެ ގިނަ މީހުން ޒަކާތް ދައްކައި އެންމެ ގިނަ ފައިސާ ޒަކާތުގެ ގޮތުގައި ލިބުނު އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް