ނުރައްކާތެރި ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން މާސްކާ އަންގި ލެއްވުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދީ ގަވައިދުތަކެއް އެކުލަވާލާފައި ވީނަމަވެސް ރަބަރު އަންގި އަކީ ވައިރަސްއިން ރައްކާތެރިކޮށްދޭ އެއްޗެއް ނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ސޯޝަލް މީޑީއާ މެދުވެރިކޮށް ކޯވިޑް-19 އަށް ހޭލުންތެރިކަން އިތުރު ކުރުމަށް އާންމު ކުރަމުންދާ މައުލޫމާތު ތަކުގައި ބުނެފައިވަނީ އާންމުކޮށް ބޭރުގައި އުޅޭއިރު ރަބަރު އަންގި ލެއްވުމަކީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ނޫންކަމަށެވެ. ރަބަރު އަންގިއެއް ލައްވައިގެން ހުރި ކަމުގައިވިޔަސް ވައިރަހުގެ އަސަރު ހުރި ތަނެއްގައި އަތް ލެވިއްޖެ ނަމަ ވައިރަސް އަންގީގައި ތަތްލަވާފައި ހުންނާނެ ކަމަށެވެ.
އަދި ވައިރަސް ހުރި ތަނެއްގައި އޮޅިގެން އަތްލުމަށް ފަހު އަންގި ލައްވައިގެން ހުރެ މޫނުގައި އަތް ލެވިއްޖެ ނަމަ ވައިރަސް ހަށިގަނޑަށް އެތެރެވެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. އެޗްޕީއޭއިން އިރުޝާދު ދީފައިވަނީ ބޭރުގައި އުޅޭއިރު ތަންތަނުގައި އަތް ނުލައި އުޅުމަށާއި އަންގި ލެއްވުމުގެ ބަދަލުގައި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށެވެ.
އެޗްޕީއޭގެ މި އިރުޝާދާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ އަންގިއަކީ ވައިރަހުން ސަލާމަތްވާ އެއްޗަކަށް ނުވާއިރު އަންގިލައްވައިގެން ނޫނީ ހިދުމަތް ނުދެވޭގޮތަށް ގަވައިދުތައް ހަދާ އަމަލު ކުރުމަށް މަޖުބޫރު ކުރުވާފައިވާ ކަމަށެވެ.
އިކޮނޮމިކް މިިނިސްޓްރީން ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ގަވައިދެއްގައި ބުނެފައިވަނީ ފިހާރަތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޑެލިވަރީ ކުރާ މުވައްޒަފުން ތިބެންޖެހޭނީ މާސްކު އަޅައި އަންގި ލައްވައިގެން ކަމަށެވެ. އެނޫން ގޮތަކަށް ހިދުމަތް ދޭން ތިބުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.
މީގެ ކުރިން ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ފެތުރުމުގެ ކުރިންވެސް އެޗްޕީއޭއިން ވަނީ އަންގި ލައްވައިގެން ފިހާރަތަކުގައި ތިބޭ ސޭޓުން ތިބުމަކީ ބަލިން ރައްކާތެރިވާނެ ކަމެއް ނޫންކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް