މަސްތުވާތަކެތީގެ ނެޓްވޯކްތަކުގައި ހިމެނޭ މީހުންގެ ބަންދަށް ލުއިދޭން އެދިފައެއް ނުވާނެ: ޕީޖީ

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ޝަރުތުތަކަކާ އެކު ދޫކޮށްލަން ހުށަހަޅާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ނެޓްވޯކްތަކުގައި ހިމެނޭ މީހުން ދޫކޮށްލަން ހުށަހަޅާފައި ނުވާނެ ކަމަށް ޕްރޮ...

26 May 2020 | 07:32

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ޝަރުތުތަކަކާ އެކު ދޫކޮށްލަން ހުށަހަޅާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ނެޓްވޯކްތަކުގައި ހިމެނޭ މީހުން ދޫކޮށްލަން ހުށަހަޅާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީވަނީ ތަފާތު ކުށްތަކާއި ގުޅިގެން ޖަލުގައި ތިބި މީހުންގެ ތެރެއިން ހުކުމް ނުކުރާ މީހުންގެ ތެރެއިން ބަޔަކު ވަކި ޝަރުތަކަކާއި އެކު ދޫކޮށްލަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި އެވެ. އޭގެ ތެރޭގައި30 މީހަކު ހިމެނޭކަމަށް ވެ އެވެ.

ޝަރުތުތަކަކާއި އެކު ދޫކޮށްލަން ހުށަހަޅާފައިވާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ނެޓްވާކުތަކަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށް ބައެއް މީޑީއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. އަދި މީގެ ކުރިންވެސް އެފަދަ ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ގުޅުން ހުންނަ މީހުން ޝަރުތުތަކަކާއި އެކު ބަންދަށް ލުއިދޭ މީހުންގެ ގޮތުގައި އެެއްވެސް އިރަކު ދޫކޮށްލަން އެދިވަޑައިގެންފަ ނުވާނެކަމަށެވެ. ޝަމީމް ވިދާޅުވީ މިމަހުގެ24 ވަނަ ދުވަހު އެކަނިވެސް މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅުން ހުރި12 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ހޯދި ކަމަށެވެ.

ޕީޖީ އޮފީހު ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކޮށް، އޭގެ ތެރެއިން އެއްވެސް ގޮތަކުން ލުޔެއް ދެވެން ހުރި މީހުންގެ ބަންދަށް ލުޔެއް ދެއްވުން އެދި ހޯމް މިނިސްޓްރީން ޕީޖީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީއާ ގުޅިގެން މިވަގުތު ޝަަރީއަތް ނިމެންދެން ބަންދުގައި ތިބި އެންމެންގެ މައްސަލަތައް އަލުން ބަލާފައިވާނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ލުއި ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާމެދު ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި، މަސްތުވާތަކެތީގެ ނެޓްވާކުތަކަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި، މީހުން މެރުމާއި ނުރައްކާތެރި މާރާމާތީތަކާއި ގޭންގު ކުށްތަކުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މީހުން ނުހިމެނެ އެވެ.

މިގޮތަށް ލުއި ދިނުމަށް ޕީޖީ ނިންމެވީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 ޖަލުތަކުގައި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ. ކޯވިޑް-19 އާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ100 އަށް ވުރެ ގައިދީންނަށް މައާފު ދެއްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް