ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގައުމަށް ފޮނުވާލުމަށް ކޯވިޑް-19ގެ މި ހާލަތުގައި ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިއަދު ބަންގްލަދޭޝް އަށް ނިސްބަތްވާ 200 މީހަކު ފުރުވާލުމަށް ތައްޔާރުވަމުން އެބަދެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ މިއަދު ފުރާ 200 މީހުންގެ ތެރެއިން 111 މީހަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުވެސް އިތުރު ބަޔަކު ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމުގައިވެސް މިއުވާން ވިދާޅުވިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފައިވަނި ބަންގްލަދޭޝްގެ 200 މީހަކާއެކު މޯލްޑިވިއަންގެ ފްލައިޓެއް ދާކާއަށް ފުރުމަށް ތައްޔާރުވެފައިވާކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނައިން އަދި މިފޮނުވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އެއީ އެކަމަށް ފަސޭހަ އިންތިޒާމެއް ބަންގްލަދޭޝް އެމްބަސީން ހަމަޖައްސާފައިވާތީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
https://twitter.com/MaldivianAero/status/1265145486161465344
މިގޮތުން މިހާތަނަށް، ބަންގްލަދޭޝް އަށް ނިސްބަތްވާ 1500އެއްހާ މީހުން މިވަނީ ބަންގްލަދޭޝް އަށް ފޮނުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް