މީގެ ހަފްތާއެއް ކުރިން ތޫފާން އަމްޕަން އެ ދިޔައީ ބަންގްލަދޭޝް އާއި އިންޑިއާއަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މެއި 16ގައި ލޯ ޕްރެޝަރަކުން ފެށި، ތޫފާނަކަށް ބަދަލުވެ 21 މޭގައި އިންޑިއާގެ މަތިން ބަންގްލަދޭޝް އަށް ހިނދިގެންދިޔަ އެ ތޫފާނުގައި 118 މީހަކު މަރުވެފައިވެއެވެ.
އެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށްވެސް ކުރިއެވެ. ވައި އިންތިހާއަށް ގަދަވެ ކަނޑުތައްވެސް ގަދަވިއެވެ. މޫސުން ރާއްޖެ ސަރަހައްދަށް އެހާބޮޑަށް ގޯސްވެގެން އެ ދިޔައީ މިހާރު ރާއްޖެއަށް ކުރަމުންމިދާ ހުޅަނގުމޫސުމުގެ ވިއްސާރައާއި ތޫފާން އަމްޕަންގެ އަސަރު އެކުވުމުން ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
މިވަގުތަށް ރާއްޖެއަށް މޫސުން މާކަ ގޯހެކޭ ދެންނެވޭކަށް ނެތެވެ. އެފަދަ ނިމުތެއްކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މިވަގުތަށް އެލާޓެއް ނެރެފައިވެސް ނުވެއެވެ.
ނަމަވެސް އިންޑިއާގެ މެޓް ޑިޕާޓްމެންޓާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އިންޑިއާގެ އަށް ޑިސްޓްރިކްޓަކަށް ބޯކޮށް އަންނަނީ ވާރޭ ވެހެމުންނެވެ. އަދި މޫސުން އިތުރަށް ދާނީ ގޯސްވަމުން ކަމަށް ނިމުތު ކޮށްފައިވެއެވެ.
އެގޮތުން ލަކްޝަދްވީޕާއި ރާއްޖެ އަދި އިންޑިއާގެ ކެރެލާގެ އައްސޭރިފަށު ހިސާބަށް މާދަމައިން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމުގައި އަންދާޒާކޮށްފައިވެއެވެ.
އަސްލަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމުގައި ބުނެފައިވީނަމަވެސް އިންޑިއާގެ މެޓް އޮފީހާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އަރަބި ކަނޑުގައި ސެޓަޕެއް އުފެދި ނޫފެދި އެފަދަ ގޮތަކަށް އުޅޭތާ ދެތިން ދުވަހެއް ވަނީ ވެފައެވެ. އަދި އެ ސެޓަޕް ލޯ ޕްރެޝަރަކަށް ބަދަލުވުމަކީ ހަމަ އެކަށީގެންވާ ކަމެއް ކަމުގައިވެސް އަންދާޒާކޮށްފައިވެއެވެ.
ސެޓަޕް ލޯ ޕްރެޝަރަކަށް ބަދަލުވެއްޖެނަމަ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި މި ސެޓަޕް ފެންނަމުން އެދަނީ މި ފަހަރު އަރަބިކަނޑުން ކަމުން ލަކްޝަދްވީޕާއި ރާއްޖެ އަދި އިންޑިއާގެ ކެރެލާ އައްސޭރިއަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް