''ދަރިފުޅާ ޒައިދު.....'' ޒާރާ ސިހިގެން ދިޔައީ މަންމަ ޒައިދު އަށް ގޮވާއަޑު އިވުމުންނެވެ. ދެދޮލުން ނީރާލާފައިވާ ކަރުނަ ތިކި އިނގިލި ކުރިން ފޮހެލިއެވެ.
ޒާރާ ގޭގައި ހުރިއްޔާ މަންމަ އަށް ބަދިގޭ މަސައްކަތް ކުރަން ނުޖައްސާ ވޭތޯ އޭނާ ބަލައެވެ. ކުޑައިރުއްސުރެ އަބަދުވެސް ކެއްކުމުގައި ޒާރާ އުޅެން މަންމަ ބާރުއެޅުމުގެ ނަތީޖާއެއްގެ ގޮތުން މީރުކޮށް ގިނަ އެއްޗިހި ކައްކަން ޒާރާ ދަސްކުރިއެވެ. މަންމަގެ ދުލުން ތައުރީފްގެ ބަހެއް ނީވުނަސް ބައްޕަ އަބަދުވެސް ޒާރާ ތައްޔާރުކުރާ ކާއެއްޗިއްސަށް ތައުރީފު ކުރެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ޒާރާ ނުހަނު އުފާވެއެވެ.
ވަޒީފާ އަށް ނިކުންނަންޖެހޭ ފުރަތަމަ ދުވަސް ކަމުން ޒާރާ ހުރީ ކުޑަކޮށް ހިތް ނުތަނަވަސް ވެފައެވެ. އުފާ ވުމުގެ ބަދަލުގައި ވިސްނަމުން ދިޔައީ ވަޒީފާއަށް ދާން ކުރަން ޖެހޭ ދިގު ދަތުރާ މެދުގައެވެ. ފޮނަދޫ ސިއްހީ މަރުކަޒުން ވަޒީފާ ހަމަޖެހުނުނަމަ ޒާރާ ކިހާ އުފާވީސް ހެއްޔޭ ޒާރާގެ ހިތަށް އެރިއެވެ. ޒާރާ އަވަސް އަރުވާލާފައި ރޮށިފިހެ ނިންމާލުމަށްފަހު ރިހަފޮދު ހޫނުކޮށް ނިންމާލިއެވެ. މަންމަ ބަދިގެއަށް ވަދެގެން އައީ ޒާރާ މޭޒުމަތި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެނިކޮށެވެ.
''ކޮބާ ޒައިދަށް އެޅި ބިސްގަނޑު.... '' ނާޒިމާގެ ފުރަތަމަ ސުވާލު އައެވެ.
އަދި މިއުޅެނީ ބިސްގަނޑު ނޭޅިގެން.... ހަތެއް ޖަހައިފި މަންމާ............. އަދި ރެޑީ ވާންވެސް ޖެހޭ .....ޔުނިފޯމްވެސް އިސްތިރި......... ޒާރާގެ ބަސް ހުއްޓުނީ ނާޒިމާގެ ރުޅިވެރި މޫނާއި ނަފުރަތުން ފުރިފައިވާ ދެލޯ އޭނާއާ އަމާޒު ކޮށްލުމުންނެވެ. ޒާރާ އާ ނުހަނު ގާތަށް ނާޒިމާ ޖެހިލިއެވެ.
''ހުރިހާ ބަހަނާއެއް އަޑުއަހާނެ ވަގުތެއް މަށަކަށް ނެތް.... ޒައިދަށް ގޮވާފަ އަލިބެ މެންގެއަށް ދާން ލަސްވެފަ މަ މިހުރީ.... ބިސްގަނޑު އަޅާފަ ކަލޭގެ ކޮއްކޮ އާ ބަފަޔަށް ސައިބޮވޭވަރު ހަދާފަ ތި ދާންއުޅޭ ތާކަށް ދޭ......އަޑުއިވިއްޖެތަ...'' އެހެން މީހަކަށް އިވިދާނެތީ ނާޒިމާ ވާހަކަދެއްކީ މަޑުން ނަވެސް އެ އަޑުގައިވަނީ އިންތިހާ އަމުރުވެރިކަމެވެ.
އެވަގުތު ބައްޕަ ވަދެގެން އައުންވީ ޒާރާގެ ހިތަށް ފިނިކަން ގެނެސްދިން ކަމަކަށެވެ. ހިމާޔަތެއްލިބުނުކަމުގެ އިހްސާސް ޒާރާއަށް ކުރެވުނެވެ. ހާމިދު ވަނުމާއެކު ނާޒިމާ ނިކުމެގެން ދިޔައީއެވެ.
''ދަރިފުޅާ އަދިވެސް ނުވޭތަ ތައްޔާރު ވާކަށް..... ދެންދޭ އަވަހަށް... ބައްޕަ ދެންހުރި ކަންތައް ކޮއްލާނަން...،، ލޯބިން ފުރިފައިވާ ކުލުނުވެރި ހިތެއްގެ ތެރެއިން އޮހޮރިގެން އައި އޯގާތެރި ބަސްތަކެކެވެ. ހަމްދަރުދީގެ އަސަރު ޒާރާގެ ހިތަށް ވެރިކުރުވައިފިއެވެ. ހަމްދަރުދީ ބޭނުންވާ ހިތަކަށް ހަމްދަރުދީގެ އަސަރު ކުރުމުން ލޮލަށް ކަރުނަ ޖަމާވުމީ އިންސާނާގެ ބަލިކަށިކަން ބާވައެވެ. ހަމްދަރުދީގެ އެ އިހްސާސް ކުރެވުމާއެކު ޒާރާގެ އެރީތި ދެލޯ ފެންކަޅި ކުރުވައިފިއެވެ. ބައްޕަ ފަދަ ދެވަނަ އިންސާނެއް ދުނިޔޭގައި ހުންނާނެބާއޭ ޒާރާގެ ހިތަށް އެރިއެވެ. އެ ބައްޕަ ނެތްނަމަ ޒާރާގެ ދިރިއުޅުމަށް ވާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އަވަސް އަވަހަށް ޒާރާ ބަދިގޭން ނިކުމެގެން ދިޔައީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ބައްޕަ އަށް ފޮރުވުމަށްޓަކައެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް ޕޯޓިކޯއަށް ސައިކަލު ހުއްޓުމާއެކު ޒާރާ ފޭބިއެވެ.
''ބައްޕަ ދަނީ......'' ހާމިދު ލޯބިން ފުރިފައިވާ ލޮލަކުން ޒާރާއަށް ބަލާލިއެވެ.
''ނިމުނީމަ ގުޅާ.. ބައްޕަ އަންނާނަން ބަލާ އިރާދަކުރެއްވިއްޔާ.....'' ޒާރާ ހިނިތުންވެލުމަށްފަހު ހޮސްޕިޓަލަށް ވަދެގެން ދިޔަ މަންޒަރު ބަލަން ހާމިދު ސައިކަލުމަތީގައި އިންއިރު، އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިމަކާ ކާމިޔާބީގެ އަސަރުތަކެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދިރިއުޅުމުގެ ހާސަރު ތަކުން ސިނކުޑި ހުސްވެ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ދެލޯފަދަ ލޯބިވާ ދަރިފުޅުގެ ހިތްވަރުގަދަކަމާއި ނިޔަނެތިކަމަށް ހިތާހިތުން ތައުރީފްކުރެވުނެވެ.
ނަރުހެއްގެ ވަޒީފާގައި އަދާކުރަން ޖެހޭ ޒިންމާ ތަކަކީ އާ ކަންތައް ތަކަކަށް ނުވިޔަސް، މުޅިން އާ ތަނެއްގައި މަސައްކަތް ކުރަން ޖެހުމުން ފުރަތަމަކޮޅު އުނދަގޫ ތަކެއް ކުރިމަތިވިއެވެ. ނުދަންނަ ބައެއްގެ ތެރޭގައި އުޅެން ޖެހުމުން ފޫހިކަން އިހްސާސްކުރެވުނު ނަމަވެސް ވަރަށް އަވަހަށް ޒާރާ އެ މާހައުލަށް ހޭނުނެވެ. އައު ރައްޓެހިން ލިބި ހިތްހަމަ ޖެހުނެވެ. އެ ހޮސްޕިޓަލަކީ އެ ރީޖަނުގައިވެސް ރަނގަޅު ޚިދުމަތްތަކެއް ދެވެންހުރި ހަމައެކަނި ހޮސްޕިޓަލު ކަމުން، ކޮންމެ ދުވަހަކީވެސް އެތައް ބައިވަރު ބަލި މީހުންތަކަކަށް ޚިދުމަތް ކުރަންޖެހޭ ދުވަހެކެވެ. ތަނުގައި މަސައްކަތް ކުރާ ސްޓާފުންގެ ހިތްހެޔޮކަމުގެ ސަބަބުން އެ މާހައުލުގައި މަސައްކަތް ކުރުމަށް އޭނާ އަށް އިތުރަށް ޝައުގު ވެރިވެވުނެވެ.
ރެއަކީ ޒާރާގެ ދަންވަރު ޑިއުޓީ ޖެހުނު ރެއެކެވެ. އަލަށް ލިބުނު އެކުވެރިޔާ ޝާނީ އަކީ ޒާރާ އާ ވަރަށް ގުޅޭ ނަރުހެކެވެ. ދެކުދިން އާއްމުކޮށް އެއް ޝިފްޓެއްގައި ދިމާވާކަމުން ދެކުދިންގެ ގާތްކަން ގާތްރަހްމަތްތެރި ކަމަށް ވަނީ ބަދަލުވެފައެވެ.
''ޒާރާ..... ''ބެޑް ނަމްބަރު ނުވައެއްގެ އިންޖެކްޝަން ގަޑި ޖެހިއްޖެ..... ވަރަށް އަވަހަށް އިމަޖެންސީ ރޫމަށް ދާން ޖެހިގެން މިދަނީ.....'' ޝާނީގެ މަސައްކަތް ހަވާލުވާން ޖެހުނީ ޒާރާއަށެވެ. އިންޖެކްޝަނާއި ބައެއް ބޭސް ހުރި އެ ޓްރޭގައި ޒާރާ ހިފުމުން ޝާނީ ހިނގައިގަތެވެ.
''ޖެނެރަލް ވޯޑް.... '' ޝާނީ ފަހަތަށް ބަލާލުމެއްނެތި ގޮސް އޮބާލިއެވެ.
ޒާރާ ގަޑި ބަލާލުމަށްފަހު ޖެނެރަލް ވޯޑާ ދިމާއަށް ހިނގައިގަތެވެ. ހޮސްޕިޓަލް ތެރެއަށް ވެރިވެފައިވަނީ ދަންވަރުގެ ފުން ހަމަހިމޭން ކަމެވެ. ބަލި މީހުން ވޯޑުތަކުގައި ތިބި ނަމަވެސް އެމީހުން ގާތުގައި ތިބި ގިނަ އެހީތެރިންވެސް ތިބީ ނިދިޖެހިފައިހެން ހީވެއެވެ. ހިނދު ހިނދުކޮޅުން ތުއްތު ކުއްޖެއް ރޯލުން ފިޔަވާ އެހެން އަޑެއް ނީވެއެވެ. ޒާރާ ވޯޑަށް ވަދެ ނުވަ ނަމްބަރު އެނދަށް ނަޒަރު ހިންގާލިއެވެ. ބަލި މީހާ އޮތީ ޒާރާހުރި ފަރާތް ނޫން އަނެއް ފަރާތަށް އެބުރި ނިދާފައެވެ.
''ބޭބޭ....'' ޒާރާ ކޮނޑުގައި ޖަހާލުމަށްފަހު ގޮވާލިއެވެ.
އެވަގުތު ވޯޑުތެރެއަށް ވަދެގެން އައި ދެބައި އުމުރުން މަތިވެފައިހުރި ފިރިހެންމީހާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ޒާރާގެ ގާތަށް ހުއްޓުނެވެ.
''ހަމަ ދެންމެ އެ ނިދުނީ.... ވަރަށް ގިނައިރު ނުނިދިގެން އުޅުނު. ... އެހާ ހުންގަދަ އަދިވެސް... '' އެމީހާ ހުރީ ޒާރާ ބަލިމީހާއަށް ގޮވާތީ ހިތްހަމަނުޖެހިފައިހެން ހީވެއެވެ.
'' މި އިންޖެކްޝަން ޖަހާލަން އެބަޖެހޭ މިގަޑީގަ....އަޅުގަޑު ގޮވައިފިން .... މާގަދައަށް ނިދިފައި އޮތީމަހެން ހީވަނީ ނުހޭލެވުނީ....'' ޒާރާ ވާހަކަދެއްކީ ނުހަނު އޯގާތެރިކަމާ އެކުގައެވެ.
ޒާރާ އަނެއްކާވެސް ބަލިމީހާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. ކުކުރާލަމުން ބަލިމީހާ ޒާރާ ހުރި ފަރާތަށް އެނބުރިލިއެވެ. ބަލިމީހާގެ މޫނަށް ބަލާލެވުނު ވަގުތު ޒާރާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް