ބޭންކް އޮފް މޯލްޑިވްސް 'އަހަރެންގެ ބޭންކު' ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ހޯނޑެއްދޫގައި ނޭޗާ ޕާކެއް ތަރައްގީކޮށްފިއެވެ.
ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ދިގެމައްކޮޑަ ގެ ނަމުގައި ހަދާފައިވާ ނޭޗާ ޕާކުގެ މަސައްކަތް ނިންމައި ހުޅުވީ މިއަދު އެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހޯނޑެއްދޫ ސްޕޯޓްސް އިންނެވެ.
އެއީ ހޯނޑެއްދޫގެ އެ ސަރަހައްދުގެ ޤުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގި ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ވަނީ އެ ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިންގ ޕްލެޓްފޯމެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން މި ސަރަހައްދުގައި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
މި ސަރަހައްދުގައި ވަނީ މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށް، މި ސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ބަހައްޓާފައެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުވަނީ އިތުރަށް ފެހިވެސް ކޮށްފައެވެ.
" މި ޕްރޮޖެކްޓް ހިންގުމުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދިނީ މި ސަރަހައްދުގެ ގުދުރަތީ ރީތި ކަމަށް ބަދަލު ނާންނާނެހެން އަދި ހަމައެހެންމެ އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް. މި ސަރަހައްދަކީ ހޯނޑެއްދޫގެ ރައްޔިތުންގެ އިތުރުން ކޯސްވޭއަކުން ގުޅާލެވިފައިވާ މަޑަވެލީގެ ރައްޔިތުންނަށްވެސް ބޭނުން ކުރެވޭނެހެން ތަރައްގީކޮށްފައިވާ ސަރަހައްދެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަނުގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔުން. މި މަސައްކަތުގައި ބައިވެރިވި ހޯނޑެއްދޫގެ އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން." ކޮމިއުނޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މަހްދޫން އާދަމް ވިދާޅުވިއެވެ.
'އަހަރެންގެ ބޭންކް' ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް