"ވަން ސެންޓަރަލް ޕާކް ރެސިޑެންޝަލް ބިލްޑިންގ" މަޝްރޫޢު ފެށުމަށް އެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި އަސޯޓެކް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުލާތީ އެވެ.
މި މަޝްރޫއު ފެށުމަށް ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަހައްދުގައި މިއަދު ހަވީރު ވަނީ ރޯދަވީއްލުމަކާއެކު ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ހުޅުމާލެ ފޭސް-1 ގައި 120 ހައުސިންގ ޔުނިޓް ހިމެނޭ "ވަން ސެންޓަރަލް ހައުސިންގ" މަޝްރޫއު ކުރިއަށް ގެންދަނީ ސެންޑަލް މޮރިޝަސް ކުންފުންޏާއި ދިވެހި ކުންފުނި އާރްސީސީ ގުޅިގެންނެވެ.
ސެންޑަލް މޮރިޝަސްއިން ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަހައްދުގައި ހައުސިންގ ޕްރޮޖެކްޓެއް ހިންގަން އެ ކުންފުނިން ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ފުރަތަމަ ސޮއިކޮށްފައިވަނީ، 19 މާރިޗު 2015 ގައެވެ. އެހެންނަމަވެސް، މި މަޝްރޫއު ހިންގަން ކަނޑައެޅުނު ދެ ޕްލޮޓް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 8 އޮކްޓޫބަރު 2020 ގައެވެ. ތިން ފަރާތެއްގެ މެދުގައި ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އާއި އެޗްޑީސީ އަދި ސެންޑަލް މޮރިޝަސްއެވެ.
ސެންޑަލް މޮރިޝަސް ކުންފުންޏަކީ އިންޑިއާގެ އެސޯޓެކް ރިއަލްޓީ ކުންފުނިން ރާއްޖޭގައި ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމަށް އުފެއްދި ސްޕެޝަލް ޕަރޕަސް ވެހިކަލް (އެސްޕީވީ) އެކެވެ.
"ވަން ސެންޓްރަލް ޕާކް" ގެ ނަންދެވިފައިވާ މި އެޕާޓްމަންޓްތައް ހުންނާނީ ސެންޓްރަލް ޕާކްގެ އުތުރުން، ޖުޑީޝަލް ކޮމްޕްލެކްސް ކުރިމައްޗަށްވާ ގޮތަށެވެ.
މިތަނުގެ އެޕާޓްމަންޓެއްގެ އަގު 2.2 މިލިއަން ރުފިޔާއަށް އަރާއިރު، 120 އެޕާޓަމަންޓް ހުންނާނެއެވެ. އަދި މިތަނުން އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް ތިން ލޭއައުޓްގެ ތެރެއިން އެބަޔަކު އިހުތިޔާރުކުރާ ލޭއައުޓަކަށް އެޕާޓްމަންޓް ފަރުމާކޮށްދޭނެއެވެ. ހައުސިންގ މިނިސްޓްރީއާއެކު އެއްބަސްވެފައިވާ ގޮތަށް، މި އެޕާޓްމަންޓްތައް ހާއްސަކުރެވިފައި ވަނީ ފުރަތަމަ ފަހަރަށް ގެޔެއް/އެޕާޓްމަންޓެއް ގަންނަ ފަރާތްތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް