އެއީ 2018 ވަނަ އަހަރެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ދިވެހިންނަކަށް ކަމަކު ނުދިޔައެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ދެކިފައި ނުވާ ވަރަށް ތަރައްގީ ގެނެސްދިން ނަމަވެސް މާ ބޮޑަށް ވައްކަން ކުރެވުނީ އެވެ. ރައްޔިތުންނަށް ސިނަމޭލޭ ބުރިޖު ބަރާބަރެވެ. ދަރުމަވަންތަ ހޮސްޕިޓަލް ބަރާބަރެވެ. ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭ ރަންވޭ ބަރާބަރެވެ. ޒަމާނީ ފެންވަރުގެ މަގުތަކާއި، އެއާޕޯޓުތަކާއި، ޕާކުތައް ވެސް ބަރާބަރެވެ.
ރައްޔިތުންނަށް ކަމުނުދިޔައީ ވައްކަމެވެ. އަނިޔާވެރިކަމެވެ. ކޮރަޕްޝާނާއި ފަސާދައެވެ. ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ، އެމްއެމްޕީއާރްސީގެ މައްސަލަ ވެސް ފެންމަތިވެގެން ދިޔުން ވީ ރައްޔިތުން މާޔޫސްކޮށްލި ކަމަކަށެވެ.
ވެރިކަން ބަދަލުކޮށްލުމަށް ފެންބޮވައިގަނެފައި ތިބި ދިވެހިން ގޮތް ނިންމީ އެ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުންނެވެ. ހަތަރު ލީޑަރުންގެ ކޯލިޝަން ސަރުކާރެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙަށް ގައުމުގެ ހުންގާނު ހަވާލުކުރީ ވަރަށް އުންމީދާއެކުއެވެ. ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށެވެ. އެ ނޫނަސް އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ. ކޮރްޕަޝަނާއި ވައްކަމާއި ފަސާދަ ނައްތާލާށެވެ. ފުދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދައިދޭށެވެ.
ވައުދު ފުއްދޭނީ އެމްޑީޕީއަށް މަޖިލިސް ދީގެން!
ރައީސް ޞާލިހް ވެރިކަމާ ހަވާލުވިތާ މާ ގިނަދުވަހެއް ނުވިއެވެ. ދެން ކުރިމަތިވީ މަޖިލީސް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބެވެ. ރައްޔިތުން ހިންދެމިލާނެ ވަގުތުކޮޅެއް ވެސް ނުލިބި އަނެއްކާ ވެސް އަނެއް ވޯޓެވެ.
ޖަގަހަތަކުގައި އަޑުގަދަކޮށް ލަވަޖަހައި، މަގުތައް ކުލަކުލައި ފޮތިން ޖަރީކޮށް، ފޯރިގަދަ ކެންޕޭނެއް ފެށިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ ރިޔާާސީ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަ ވެސް ރައްޔިތުންނަށް އިވިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ އެންމެ ބޮޑު ކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.
މަރުތަކާއި ކޮރަޕްޝަން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލީޙް އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނީ ގޮތުން ބާރުވެރިކަން ދިނުމަށް ހުށަހަޅާފައި އޮތް ބިލަށް ވޯޓު ނުލިބުނުކަން ފާހަގަ ކުރައްވަމުން އޭރު ނަޝީދު ވިދާޅުވީ ފާއިތުވި ތަނުގައި ވެސް ފެނުނީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އެހީތެރިކަން ވައުދު ފުއްދުމަށް ނުލިބުނު މަންޒަރު ކަމަށެވެ. އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، މަޖިލީހަށް ކޯލިޝަންގެ މެޖޯރިޓީ ލިބިފައިވި ނަމަވެސް އެކަމުންވާ ފައިދާއެއް ނޯންނަ ކަމަށާއި، ރައްޔިތުންނާ ނުހަނު ގުޅުންހުރި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ފާސްނުވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަފްޝަން ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ފާސްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވަރަށް މުހިއްމު ވައުދުފުޅަކަށްވެފައި، 3 ފަހަރަށް އެޖެންޑާ ކޮށްގެން ވެސް އެ ބިލު ފާސްނުވެ އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެއިން ދޭހަވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭކަން ކަމަށެވެ
މަޖިލިސް އިންތިޚާބު 2019: 80 ޕަސެންޓު މީހުން ވޯޓުދިން، ތާރީޚީ މޮޅާ އެކު ސުޕަ މެޖޯރިޓީ އެމްޑިޕީއަށް!
ކެމްޕެއިން ތެރޭ ދެއްކި ވާހަކަ ރައްޔިތުން މަޖިލީސް އިންތިހާބުގަ އަޑު އިހިއެވެ. މަޖިލިސް އިންތިޚާބުގައި އެމްޑީޕީން އެދުނު ގޮތަށް ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ ވޯޓު ދިނީ އެމްޑީޕީއަށެވެ. އެމްޑީޕީގެ "އެޖެންޑާ 19" އަށެވެ. އެކަން ވެސް ރައްޔިތުން ކުރީ ވަރަށް އުންމީދުގައެވެ. ބިޔަ ބޮޑު މަޖިލީހުގެ ރައީސްއަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ގައުމުގެ ރައީސް އަކަށް އެމްޑީޕީގެ އިބްރާޙިމް މުހައްމަދު ޞާލިހެވެ. މިއޮތީ ފުރާފުރިހަމަ އެމްޑީޕީގެ ބާރު ގަދަ ސަރުކާރެކެވެ. ކަން ނުވާންވީ ސަބަބެއް ނެތެވެ.
އެކަމަކު ދުވަސްތައް ފާއިތުވެ މިއަދާއި ހަމައަށް އައިއިރު ރައްޔިތުން މިއަދު ވަނީ އެބައިމީހުންގެ އިޚްލާސްތެރި ޝުޢޫރުތައް ފާޅުކޮށްފައެވެ. އާދޭހެވެ. މި އަނދިރިކަމުގެތެރޭގައި ތިބެން ބޭނުން ނޫންކަމަށެވެ. މި ވެރިކަން ކަމުނުދާކަމަށެވެ. ބާރުތައް ދީގެން ވެސް އިންސާފު ގާއިމު ނުކުރެވުނެވެ. ކުށްވެރިންނަށް އަދަބު ނުދެވެއެވެ. މަރުތަކަށް ވީ ނުވީއެއް ނޭނގެއެވެ. އިންސާފުގެ އޮޑި ފަރަށް އަރައިފިއެވެ. ވައްކަން ކުރުމާއި ދެކޮޅު ހަދަމުން އައި ސަރުކާރުގައި ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށްފިއެވެ. ބަދަލުވީ ހަމަ އެކަނި އިންސްޓްރޫމެންތްތަކެވެ. ކުޅެނީ ހަމަ އެއް މިއުޒިކެކެވެ. ރައްޔިތުން ބުނަނީ މިއަދުގެ ސަރުކާރުން ރައްޔިތުންގެ ބައިތުލްމާލް ދަވާލައިފިކަމަށެވެ. ޤައުމު ވިއްކައިލުމާއި ”މަމެން“ ދެކޮޅު ކަމަށެވެ. މި ފަސްގަނޑުގެ ސިޔާދަތާއި މިނިވަންކަން ދަމަހައްޓާނީ ރައްޔިތުންކަމަށެވެ. ޝަރުޢީ ދާއިރާ މިނިވަންކުރުމަށެވެ. ވެރިކަން ފެއިލްވެެއްޖެ ކަމަށެވެ.
2020: ކައުންސިލަރުން ހޮވަން ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު!
ރައްޔިތުންގެ މި ޝަކުވާތައް އެހުމަށް ސަރުކާރަކަށް ވެސް މާ ގިނަ ދުވަހެއް ނުލިބުނެވެ. ޖެހިގެން އައި 2020 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނެ ކަމަށް އިއުލާންކޮށްފިއެވެ. އަނެއްކާ ވެސް އެންމެންގެ ފޯކަސް އިންތިޚާބަކާ ދިމާއަށެވެ. އެކަމަކު އިންތިހާބު ބޭއްވޭނެ ގޮތެއް ނުވިއެވެ. އެ އަހަރު ދުނިޔެއަށް ލައްވާލި އާލަމީ ވަބާގައި ދިވެހިރާއްޖެ ވެސް ޖެހުނީއެވެ. އާދެ ކޮރޯނާ ވައިރަސް އެވެ. ވައިރަސް ފެތުރިޔަނުދިނުމަށްޓަކާ އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ކަމަސް ބުނެ އޭޕްރީލް 18، 20121 ގައި ބޭއްވުމަށް ނިންމި ލޯކަލް ކައުންސިލް އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރީއެވެ.
އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތުމާއެކު ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރާށާއި ކައުންސިލްތަކުގެ ދައުރު ދަންމާލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ދެނެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އެއްގޮތްކުރައްވައި، މިއީ ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވިދާނެ ހާލަތެއްތޯ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ސުވާލު އުފެއްދެވިއެވެ. ނަމަވެސް ގާނޫނަށް އިސްލާހު ގެނެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގުކުރެއްވީއެވެ. އެއާއެކު އިންތިޚާބު ބޭއްވުމަށް އާ ތާރީޚެއް ވެސް ކަނޑައެޅިގެން ދިޔައީއެވެ. 10 އޭޕްރީލް 2021 ގައި އިންތިޚާބު ބާއްވަން ނިންމައ ތައްޔާރީތައް ފެށުނެވެ. އަދި ދުވަސް އައުމާއެކު ބަލިމަޑުކަމެއްގެ ތެރޭގައި އެކަން ކުރެވޭނެ އެންމެ ފުރިހަމައަށް އެކަން ވެސް ކޮށް ނިންމާލައިފިއެވެ.
2021: ކައުންސިލަރުން ހޮވަން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ!
މި އިންތިޚާބުގެ ކެމްޕެއިންގައި ވެސް އެމްޑީޕީން ކިޔަމުން ދިޔައީ އެއް ފަރިއްސެކެވެ. އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިގެން ނޫނީ ލާމަރުކަޒީ ނިޒާމް ތަންފީޒުނުކުރެވޭނެ ކަމަށެވެ. ވައުދުތައް ފުއްދަން ސަރުކާރަށް ދަތިވާނެ ކަމަށެވެ. ތަރި ކުރާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެ އަޑު ވެސް އެހީއެވެ. ހަމަ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށެވެ. އޭޕްރީލް 2021ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. އެ ކޮމިޝަނުން ބުނީ ނިމިދިޔަ ކައުންސިލް އިންތިޙާބުގައި އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާކަމަށެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ. މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރި 2،234 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރެއްވި 1،580 ކެނޑިޑޭޓުންނެވެ.
އިންތިޚާބާއި ދައީމީ ނަތީޖާތައް އިއުލާންކުރުމަށްފަހު އިލެލްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ނިމިދިޔަ އިންތިޙާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އެމްޑީޕީން 400 ގޮނޑި ކަށަވަރުކޮށްފައިވާކަމަށެވެ. އެމްޑީޕީން ކައުންސިލް އިންތިޙާބުގައި 804 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެތެރެއިން 3 ސިޓީގެ މޭޔަރުކަމާއި އެކު އެ ސިޓީތަކުގެ މެޖޯރިޓީ ވަނީ އެމްޑީޕީން ހޯދާފައެވެ. މީގެއިތުރުން މާލެ ސިޓީވެސް ހިމެނޭހެން ސިޓީ ކައުންސިލްތަކުން 18 ގޮނޑިއަކާއި 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަމާއި 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމަށްވެސް ހޮވިފައިވަނީ އެމްޑީޕީން ކެނޑިޑޭޓުންނެވެ. މީގެއިތުރުން ރަށު ކައުންސިލް މެމްބަރުންގެ ތެރެއިން 155 ގޮނޑިއާއި ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑިން 142 ގޮނޑި ކާމިޔާބު ކުރީވެސް އެމްޑީޕީއެވެ. މުޅި އިންތިޙާބަށް ބަލާއިރު އިންތިޙާބު ކުރަންޖެހޭ ޖުމްލަ މަޤާމުތަކުގެ ތެރެއިން 43 އިންސައްތަ ކާމިޔާބުކުރީ އެމްޑީޕީއެވެ.
މި އިންތިޚާބުގައި އެމްޑީޕީއާއި އެންމެ ވާދަކުރީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއެވެ. އެ ކޯލިޝަނުން ވަނީ 325 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި މިހާތަނަށް އެމްޑިޕީން ކާމިޔާބުކުރަމުން އައި މާލެސިޓީގެ މޭޔަރުގެ މަޤާމާއި މާލެ ސިޓީގެ މެޖޯރިޓީވެސް ހިމެނެއެވެ. އިދިކޮޅު ކޯލިޝަނަށް މި އިންތިޙާބުގައި ޖުމްލަ 625 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރި ގޮނޑިތަކުގެ ތެރޭގައި ސިޓީ ކައުންސިލްތަކުން 16 ގޮނޑިއަކާއި 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަން ހިމެނެއެވެ. މީގެ އިތުރުން 51 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމަާއި ކައުންސިލްތަކުން 121 ގޮޮނޑިއަކާއި އަންހެނުނަށް ހާއްސަ ކުރި ގޮނޑިތަކުން 129 ގޮނޑިއެއްވެސް ޕީޕީއެން ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފައެވެ. މީ މި އިންތިޚާބުގެ %34.9 އެވެ. އެމްޑީޕީއާއި ޕީޕީއެމްއަށްފަހު ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. އޭގެތެރޭގައި ހިމެނެނީ ސިޓީ ކައުންސިލް މެންބަރުކަމުގެ 3 ގޮނޑިއަކާއި 37 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެންބަރުކަމުގެ 71 ގޮނޑިއަކާއި ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަކުރި 62 ގޮނޑިއެވެ. މީ އިންތިޙާބުކުރަންޖެހޭ މަޤާމުތަކުގެ %13.5އެވެ.
ހަތަރުވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ޖުމްހޫރީ ޕާޓީންނެވެ. އެޕާޓިން ވަނީ މި ފަހަރުގެ އިންތިޚާބުގައި ސިޓީ ކައުންސިލްގެ މެންބަރުކަމުގެ 1 ގޮނޑިއަކާއި 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި 7 ކައުންސިލެއްގެ މެމްބަރުކަމާއި އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ތެރެއިން 15 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. ޖުމަލް 26 ގޮނޑި ޖުމްހޫރީ ޕާޓިން ކާމިބުކުރިއިރު މިއީ އިންތިޚާބުގެ %2.8އެވެ.
ސަން ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް މި އިންތިޚާބުގައި ކާމިޔާބުކުރެވުނީ ޖުމްލަ 16 ގޮނޑިއެކެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ރަށު ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ޚައްޞަ 8 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ %1.1އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިއަށް ކާމިޔާބުކުރެވުނީ 13 ގޮނޑިއެވެ. އޭގެތެރޭގައި 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ޚާއްޞަ 5 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ %0.7 އެވެ. މީގެ
އިތުރުން ދާދިފަހުން އުފެދުނު އެމްއެލްއެސްޑީޕީންވެސް ވަނީ މިފަހަރުގެ އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އެއީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްޞާ ގޮނޑިއެކެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 2،73،128 މީހަކަށް ލިބިގެންވާއިރު، އިންތިޚާބުގައި ވޯޓުލީ 1،86،253 މީހެކެވެ. މިއީ %68.19 އެވެ. މާލޭގައި ވޯޓުލާން ނުކުތީ ޝަރުތު ހަމަވާ މީހުންގެ %39 އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ތެރޭގައި ބޭއްވި އިންތިޚާބަކާއި އަޅާބަލާއިރު ރަނގަޅު އަދަދެއްކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރި މިންވަރަށްވުރެ މަތީ ޢަދަދެއްކަމަށެވެ.
އަދި ނުނިމޭ، އިންތިޚާބުތައް އޮތީ ކުރިއަށް!
ކައުންސިލް އިންތިޚާބަށް ފަހު މިއީ އާންމުން ސިޔާސީ ހަރަކާތްތެރިކަމުން، އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ލިބުނު ފުރުސަތެއް ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް އެކަން އޮތީ އެގޮތަކަށް ނޫނެވެ. ބޯމަތިވެފައި މިއޮތީ ބޮޑު ޕާޓީގެ ގައުމީ މަޖިލިސް އިންތިޚާބެވެ. އެއަށް ފަހު ދެން އޮތީ ބަރުލަމާނީ-ރިޔާސީ އިންތިޚާބަށް ވެސް ވެދާނެއެވެ. ނޫނީ 2023 ތާވަލުކުރެވިފައިވާ ރިޔާސީ އިންތިހާބު އެވެ.
ރައްޔިތުންނަށް އޮތީ ވޯޓުލުން އެކަނި، ހައްގު މިންވަރަކީ މިއީ؟
ދިވެހި ރައްޔިތުންނަށް ހައްގު މިންވަރަކީ މުޅި ހަޔާތް އެކީއެކަށް ސިޔާސީ ހަރަކާތްތެރިކަމުގައި ހޭދަކުރުން ހެއްޔެވެ؟ ދިވެހި މީހާގެ އިޖުތިމާއީ އަދި އިގުތިސޯދީ ހަރަކާތްތަކަށް ރުޖޫއަވެ، ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް، ވަޒީފާތައް އުފައްދައި، އަގުތައް ތިރިކޮށް، ބޭރަށްދާ ފައިސާ މަދުކޮށް، އިންސާނީ ހަމަހަމަކަށް ކަށަވަރުކޮށް، ގައުމީ އަދި ދީނީ ހަރަކާތްތަކުގައި އިތުރަށް ހަރަކާތްތެރިވާނެ ވަގުތުކޮޅެއް ދިވެހީންނަށް ދޭން ނުޖެހޭ ހެއްޔެވެ ސިޔާސީ ހަލަބޮލިކަމުން ސަލާމަތްވެފައިވާ، ގައުމީ ހަމަޖެހުމުގެ ވަގުތުކޮޅެއް ލިބިގެން މެނުވީ ނިކަމެތީންގެ އުދާހާއި ތަކުލީފު ނުފިލާނެއެވެ. އެހެންކަމުން، 2023 ވަނަ އަހަރުގެ އިންތިހާބާ ދޭތެރޭގައި ބާކީ މިއޮތް ވަގުތަކީ ރައްޔިތުން އަބަދު އުސްފަސްގަނޑުގައި ތިބެންޖެހޭ މުއްދަކަށް ނުހަދައި، އެ ރައްޔިތުންގެ އިޖުތިމާއީ އަދި އިގުތިސޯދީ ހަރަކާތްތަކަށް ވަގުތު ހުސްކޮށްދިނުމަކީ ސިޔާސީ ލީޑަރުންގެ ޒިންމާއެއް ނޫންތޯއެވެ؟ ގުނބޯ ހައްދައިގެން، ކޮންމެސް ފޯރިގަދަ ގޭސްގަނޑެއްގައި، ހަޔާތުން ވޭތުވެދާ ކޮންމެ އަހަރަކު ހައްޔަރުވެފައި ތިބެން ޖެއްސުމުގެ ބަދަލުގައި، ރައީސް އިބުރާހީމް މުހައްމަދު ޞާލީޙްގެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭން އެބަޖެހެއެވެ.
ވޯޓުލާން ވެއްޖެ ނަމަ ރައްޔިތުންނަށް އޮތީ އުމުރު ހުސްވާންދެން ވޯޓު ލުމެވެ. އެކަމަކު އެއިން ރައްޔިތު މީހާއަށް ލިބޭ މާ ބޮޑު މޮޅެއްް ނޯވެއެވެ. ރައްޔިތު މީހާއަށް ހަމަ ލިބެނީ ގުއި ކޯޓެވެ.
މަސްދަރުތައް: އިލެކްޝަންސް ކޮމިޝަން، އަހްމަދު ޒާހިރު، ފޭސްބުކް، ޕްރެސް ކޮންފަރެންސް، ދުވަސް އާރކައިވް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް