އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައިފި ނަމަ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ އިންޒާރު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮތުގައި އެމަނިކުފާނަށް އިނދެވޭނަމަ ބައްލަވާނެ ކަމަށެވެ. އަދި އެމައްސަލަ ބަލައިފިނަމަ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނެނީ "ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް" އެމައްސަލަ ބަލާނެ ކަމަށެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ވެސް ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރްސީ މައްސަލަ އޮތް ހިސާބެއް ބެއްލެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އެމަނިކުފާނު އިއްޔެ ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން "ވަރަށް ގިނަ އާއްމު ރައްޔިތުން އަޅުގަނޑާއި ސުވާލު ކުރައްވާ" ކަމަށާއި އެމައްސަލަ އަކީ "މުޅި ރާއްޖޭގެ ނަޒަރު ހުއްޓިފައި އޮތް މައްސަލައެއް" ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި އެކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އެއީ މިސަރުކާރުގެ އެންމެ ބޮޑު އެއްވައުދެވެ. އެވައުދު ފުއްދުމަށް ރިޔާސީ ކޮމިޝަނެއް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އުފައްދަވާފައެވެ. ނަމަވެސް އެމައްސަލައިގައި ތުހުމަތު ކުރެވޭ އެތައް ސަތޭކަ ބަޔަކު ތިބިއިރު އެމީހުންގެ މައްސަލަ އެއްވެސް ގޮތަކަށް ކުރިއަކަށް ނުދެއެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި މިހާތަނަށް ޙުކުމް އިއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި ކުރީގެ ނައިބު ރައީސަ އަހްމަދު އަދީބަށާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތަށެވެ. އޭގެތެރެއިން އަދީބާއި ޒިޔަތުގެ މައްޗަށް ޖަލު ޙުކުމް އިއްވީ ކުށަށް އަމިއްލައަށް އިއުތިރާފު ވުމުންނެވެ. ނަމަވެސް އެދެބޭފުޅުން ތިއްބެވީ ގޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް