އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މުސްތަގުބަލަށް ފޮނި އުންމީދުތަކެއް ކުރައްވާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ފަހުކޮޅަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވާ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު މިހާރު ހުންނެވީ އައްޑޫ ސިޓީގައި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫގައި ގާއިމް ކުރެވެމުންދާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމެންޓަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނާ ފަދަ ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ މަރުކަޒަކަށް ވާނެ ކަމަށެވެ.
އެ ކޮލެޖު ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާޢީ އަދުލުގެ އަދި އިޖުތިމާޢީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ. މީގެ އިތުރުން ޕޮލިސް އެކަޑަމީއަކީ އައްޑޫގެ ރައްޔިތުންނަށާއި، ދަރިވަރުންނާއި އިގުތިސާދަށް ގިނަ ފައިދާތަކެއް ކޮށްދޭނެ ތަނަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
https://twitter.com/ShimranAb/status/1386552430217678848
އިންޑިއާގެ އެހީގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީގެ 89 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރާތިޝް ދާދިފަހުން ވިދާޅުވެފައެވެ.
އައްޑޫގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީއަކީ އިންޑިއާ ސިފައިންގެ މިލިޓަރީ ބެސްއެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ. ނަމަވެސް، ސަރުކާރުން އެކަން ދޮގުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް