އަތޮޅު ކައުންސިލްގެ ރައީސުންގެ މުސާރަ ކަނޑައެޅި ގޮތާއި މެދު އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑޭ) ނުރުހުން ފާޅުކުރައްވައިފިއެވެ.
މެމްބަރު އިބްރާހިމް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅު ކައުންސިލަރުންނަކީ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތާއީދާއި ވޯޓުން ހޮވޭ މީހަކަށް ވާއިރު، މުޅި އަތޮޅުގައި ދަތުރު ކުރައްވަން ޖެހޭ މީހެއްކަމަށެވެ. އެގޮތުން ސިޓީއެއްގެ ވަކި ދާއިރާއަކުން ހޮވޭ މީހަކަށްވުރެ އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ ކުޑަވުމަކީ ހަމަޖެހޭ ކަމެއް ކަމެއް ނޫން ކަމަށް ވައްޑެ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުން ލިބޭ ބާރުތަކާއެކު ބުރަ މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭ ކައުންސިލަރުންނަށް ދޭ މުސާރަ ބޮޑުކޮށް، މުސާރައިގެ އޮނިގަނޑު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ކޮމެޓީން ފާސްކޮށްފައިވާ ގޮތުން ކުރިން 15،000ރ. ގެ މުސާރައެއް ލިބެމުން އަންނަ ކައުންސިލްގެ ރައީސްގެ މުސާރަ، މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ 23،000ރ. ލިބޭނެ އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ލިޔުމުގައިވާ ގޮތުން، މޭޔަރަކަށް 40،000ރ.، ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ.، އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ.، ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ.، ޑެޕިއުޓީ އަށް 15،000ރ.، އަދި މެމްބަރަކަށް 12،000ރ. ވަނީ ހަމަޖައްސައިފަ އެވެ. މި މުސާރަތަކަކީ، މިހާރު ދޭ މުސާރަތަކަށް ވުރެ ބޮޑު މުސާރަ އެކެވެ.
ކޮމެޓީގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، އަލަށް ހުށަހަޅާފައިވާ މުސާރައިގެ އޮނިގަނޑުން 8،000ރ.ގެ ތަފާތު ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ މުސާރައިގައި އެބަ އޮތް ކަމަށެވެ. މިހާބޮޑު ފަރަގެއް އޮތީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މާބޮޑު ތަފާތެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ކައުންސިލްގެ ރައީސްގެ މުސާރައިން އުނިކުރުން ނުވަތަ ނައިބު ރައީސްގެ މުސާރަ އަށް އިތުރުކޮށްލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
އެހެން މެމްބަރުން ވެސް ބޮޑަށް ފާހަގަކުރެއްވީ އެ ފަރަގުގެ މައްސަލަ އެވެ. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ކައުންސިލް ރައީސްގެ މުސާރަ ބޮޑު ކަމަށާއި 23،000ރ. ގެ ބަދަލުގައި 20،000ރ. އަށް ކުޑަކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ އާދައިގެ މެންބަރަކަށް 12،000ރ. ލިބިފައި، ރައީސަށް އޭގެ ދެގުނައާ ގާތްކުރާ އަދަދެއް ލިބުން އިންސާފުވެރި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ މުސާރައިގައި އެހާ ބޮޑު ފަރަގެއް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އަބްދުލްގަފޫރު ހުށަހެޅުއްވި ގޮތަށް ކައުންސިލް ރައީސްގެ މުސާރަ 23،000ރ. އިން 20،000ރ. އަށް ބަދަލު ކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އަބްދުލްގަފޫރު ވަނީ ކައުންސިލް ރައީސްގެ މުސާރަ ކުޑަކުރަން ހުށަހެޅުއްވި ހުށަހެޅުން އަނބުރާ ނަންގަވައިފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ މުސާރައިގައި ބޮޑު ތަފާތެއް އޮތް ކަން ފާހަގަކުރައްވާފަ އެވެ.
ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، މިހާބޮޑު ތަފާތެއް ކައުންސިލްގެ ރައީސާއި އެހެން މެންބަރުންގެ މުސާރައިގައި އޮތީ އޮފީސްތަކުގެ ޑިރެކްޓާ ޖެނެރަލުންގެ އަސާސީ މުސާރަ ވެސް 17،000ރ. ގައި އުޅޭތީ، ކައުންސިލް ރައީސްގެ މުސާރަ އެއަށްވުރެ ކުޑަ ނުކުރަން ވެގެން ކަމަށް ޕޭ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
ޕޭ ކޮމިޝަނުން ފޮނުވާފައިވާ ގޮތަށް މުސާރަ ދިނުން ރަނގަޅު ކަމަށް ނިންމައި، ކޮމެޓީން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް