ކ. މާފުށިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 150 އާއި ގާތް ކޮށްފި އެވެ.
މާފުށި ހެލްތް ސެންޓަރުން ބުނީ އިއްޔެ ޖުމްލަ 61 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި އަދަދު 148 އަށް އަރާފަ ވާ ކަމަށެވެ.
މާފުށިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. އޭގެ ތެރެއިން އުމުރުން ދުވަސްވީ ތިން މީހަކު މާލޭ ކޯވިޑް ފެސިލިޓީއަށް ފަރުވާ ދިނުމަށް ގެނެސްފަވާއިރު އަނެއް ހަތަރު މީހުންނަށް ފަރުވާ ދެމުން ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްގެންނެވެ.
މާފުށިން "ދުވަސް" އަށް މައުލޫމާތުދިން މީހަކު ބުނީ އެ ރަށުގައި ކޯވިޑް ޖެހިފައިވާ ބައެއް މީހުންގެ ހާލު ގޯސް ކަމަށް އެމީހުން ބުނަމުންދާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ނޭވާލާން އުނދަގޫ ކަމަށް ބުނެ މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.
މާފުށިން ކޯވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ. އަދި ޕޮސިޓިވްވެފައިވާ ގިނަ މީހުންނަކީ ބަލީގެ އަލާމާތްތައް ހުރި މީހުން ކަމަށް ވެއެވެ.
ކޯވިޑް ކޭސްތައް އިތުރުވެ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމުން މާފުށީ ހެލްތް ސެންޓަރުން ވަނީ ޓާސްކް ފޯސް އާއި ގުޅިގެން ހިލޭސާބަހަށް މަސައްކަތް ކުރާނެ މީހުން ހޯދަން ހުޅުވާލާފައި އެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 21 ވަނަ ދުވަހު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެންނެވެ.
މިވަގުތު އެންމެ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެމުން ދަނީ މާފުށީގެ އިތުރުން. ލ. މަންދޫއާއި ބ. އޭދަފުއްޓާއި އއ. މަތިވެރީގަ އެވެ. މަތިވެރީގެ ކޭސްތަކުގެ އަދަދު އިއްޔެ 119 އަށް އަރާފައިވާއިރު އޭދަފުށިން ކޯވިޑް ޖެހުނު އަދަދު ވަނީ 99 އަށް އަރާފަ އެވެ. އަދި މަންދޫގެ ކޭސްތަކުގެ އަދަދު 45 އަށް ވަނީ އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް