ކޯވިޑްގައި ހޮސްޕިޓަލްގައި ފަރުވާ ދޭ މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ރާއ...

26 Apr 2021 | 04:25

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ރާއްޖޭގައި ކޯވިޑް ޖެހިގެން 3،307 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގައި 123 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މި އަދަދަކީ މިއަހަރު ފެށުނީންސުރެ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުން ކޯވިޑަށް ފަރުވާ ދޭން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު ދުވަހެވެ. އިއްޔެ އެކަނި 22 މީހަކު އެޑްމިޓް ކޮށްފައިވާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު މިދިޔަ ހޮނިހިރު ދުވަހު ހުރީ 101 ގައި އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހަށް ބަލާައިރު ހުކުރު ދުވަހު ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔައީ 98 މީހަކަށެވެ. އޭގެ ކުރީ ދުވަހު އެ އަދަދު 90 ގަ ހުރި އިރު ބުދަ ދުވަހު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔައީ ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 83 މީހަކަށެވެ.

މި ބަލީގައި ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުމާއި އެކްޓިވް ކޭސްތައް ގިނަ ވުމަކީ ސިއްހީ ހިދުމަތަށް ބުރޫ އަރާނެ ކަމެއް ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފަ އެވެ.

މިހާތަނަށް ރާއްޖެއިން 27،874 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 71 މީހަކު މަރުވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 24،309 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް